ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމު އިފްތިތާޙުކޮށްފި

ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމު މިއަދު އިފްތިތާޙްކޮށްފިއެވެ. ޒޫމް މެދުވެރިކޮށް މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމްއެވެ. މި ޕްރޮގްރާމް...

02 Dec 2020 | 09:08

ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމު މިއަދު އިފްތިތާޙްކޮށްފިއެވެ.

ޒޫމް މެދުވެރިކޮށް މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމްއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ ޒަރީއާއިން ކަމަށް ޤާބިލް ކަމަށް އެކަށީގެންވާ އިމާމުން އުފެދިގެންދާނެއެވެ.

ހަމައެހެންމެ ރިސޯޓުތަކުގައި މުދިމުންނަށް ތިއްބެވި ހުރިހައި ބޭފުޅުންނަކީ އެއް ފެންވަރެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ވެގެންދާނެއެވެ.

އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނު ކުރުމަކީ މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމަށާއި އަދި މިހާރުވެސް އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރަމުންދާކަމަށް ޢިޝާރާތް ކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ޢަދާކުރެއްވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިގޮތުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ޕްރޮގްރާމެއް ހަމަޖައްސައިދުނަމަކީ ވަރަށް އުފާވާކަމެކެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ އެހީގައި އިމާމުންނަށް ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ރިސޯޓުތަކަށް އިމާމުވެ ނަމާދުކުރުމަށް އަންނަ ފަރާތްތަކަށް ނާދެވިއްޖެ ޙާލަތެއްގައި ރިސޯޓުތަކުގައި ނަމާދުކުރަންވެސް ތިއްބަވާނީ ކުޅަދާނަ މޮޅު އިމާމުންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޓުއަރިޒަމް ދާއިރާއަށް ކަނޑައަޅާފައިވާ ސިޔާސަތަކީ ދިވެހިން ތަމްރީނުކޮށް ދިވެހިންނަށް މަތީ ވަޒީފާއާއި ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުފަހިކޮށްދިނުން ކަމުގައި ފާހަގަކޮށް ރައީސަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކޮށް ގެންދިއުމަށް މިނިސްޓްރީއިން އިސްނަގައިގެން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

5 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ކޯހުގައި ބައިވެރި ކުރަން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ނަން ހުށައަޅާ ފަރާތްތަކެވެ.

މިހާތަނަށް 85 ރިސޯޓަކުން 169 ބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަނދާނީ ލިޔުން ޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް