ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އިސްނެންގެވުމުގެ މަތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން ރިސޯޓުތަކުގެ އިމާމުން ތަމްރީނުކުރުކުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މުބާރާތުގެ އޮޑިޝަން ބުރު މިހާރު ވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ފައިނަލް ބުރެވެ.
ފައިނަލް ބުރު ކުރިއަށްދާނީ 2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 08:00 އިން 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
8 ޢުމުރުފުރާ އަކަށް ބަހާލައިގެން ގެންދާ މި ވާރޗުއަލް ޤުރުއާން މުބާރާތުގައި މި ޢުމުރު ފުރާގެ ތެރޭގައި ހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިޔޯ އަޕްލޯޑް ކުރުން ކުރިއަށްދާނީ މި މުބާރާތަށް ޚާއްސަކުރެވިފައިވާ ޕޯޓަލް https://portal.nchq.gov.mv އިންނެވެ.
ކިޔެވުމުގެ ރެކޯޑިންގ ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް