ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މިމަހު ފަށައި އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މި މަހު 15 ގެ ކުރިން އެ މަސައްކަތް އެމްޓީސީސީން ފަށާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ މިހާރު އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު އެ މަޝްރޫއު ނިންމަން އެމްޓީސީސީއަށް ނަގާނީ 8-10 މަހާއި ދެމެދުގެ މުއްދަތެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭއިރު އެއާޕޯޓާއި އެ ރަށް ގުޅުވައިދޭ ބްރިޖުގެ މަސައްކަތްވެސް ނިމޭނެ ކަމަށެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ އަހަރާއި ހަމަސް ތެރޭގައި ނިންމާ ގޮތަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އަޅަނީ އެ ރަށުފަޅުތެރޭޭގައި އޮތް ފަޅުރަށެއް ހިއްކައިގެންނެވެ. އެ ދެ ރަށް ގުޅުވުމަށް ބްރިޖެއް އަޅާއިރު އެއާޕޯޓާއި ރަށާއި ދެމެދު 100 މީޓަރު ދުރުމިން ހުރެ އެވެ.
މި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓާމިނަލް ބިލްޑިންގެ އިތުރުން ފަޔާ ސްޓޭޝަން ފަދަ އިމާރާތްތައް އަޅާނެ އެވެ. މި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 144.9 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް