އޮންލައިންކޮށް ކައިވެނި ކޮށްދިނުން ފެމިލީ ކޯޓުން ހުއްޓާލައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ފެށީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.
ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޮންލައިންކޮށް ކައިވެނިކޮށްދިނުން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. މިހާރު ކައިވެނިކޮށް ދޭނީ ކުރިއެކޭ އެއްގޮތަށް ކޯޓަށް ހާޒިރުކޮށްގެންނާއި ކޯޓުން ބޭރުގައި ކަމަށް ބުނެފައިވެ އެވެ.
ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަން ވާނެ ކަމަށް އެ ކޯޓުން ބުނެ އެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކުރާތަނަކީ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ، މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށްދިނުން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އިރު އެހެން ކޯޓުތަކުން ވަނީ ހުރިހާ ޝަރީއަތްތަކެއް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައި އެވެ. އެކަމަކު ކޯވިޑްގެ ހާލަތަށް ބަދަލު އަންނަ މުން ދިޔަޔަސް އެހެން ކޯޓަކުން ޝަރީއަތްތައް އާންމު އުސޫލުން ކޯޓުތަކުގައި ކުރިޔަށް ގެންދާކަށް އަދި ނުނިންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް