ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އަޔަކްސް އެމްސްޓެޑަމްގެ މައްޗަށް ކުރި ހޯދައި ލިވަޕޫލުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރި އިރު ޔޫކްރެއިންގެ ޝަޚްތަރު ޑޮނޭޝް އާ ވާދަކޮށް ކުޅުނު މެޗުން ބަލިވެ ރެއާލް މެޑްރިޑަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ލިވަޕޫލުން މިފަހަރުގެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައި މިވަނީ ގްރޫޕް ޑީ ގައި ރޭ އަޔަކްސް އާ ވާދަކޮށް އަމިއްލަ ދަނޑުގައި ކުޅުނު މެޗް 0-1 އިން ކާމިޔާބުކޮށްގެންނެވެ.
ރޭ އަޔަކްސް އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗްގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އގޮތުން މެޗުގެ ފުރަތަ،މަ ހާފު ނިމުނީ އެއްވަރެއްގައި އޮވެގެންނެވެ.
މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. މިއީ ޖޯންސް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލަށް ކާމިޔާބިކޮށްދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗުން ކޮޅުވެ ލިވަޕޫލަށް ދެވަނަ ބުރުން ޖާގަ ލިބުނު އިރު އެ ޓީމު ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެގޮތުން ހަތަރު މެޗު ކާމިޔާބުކޮށްގެން ލިބުނު 12 ޕޮއިންޓާއެކު އެ ޓީމު ގްރޫޕުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ ޝަޚްތަރާ ވާދަކޮށް ރެއާލް މެޑްރިޑް ބަލިވީ 0-2 އިންނެވެ.
ޝަޚްތަރުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވި ނަމަވެސް އެޓީމަށް އަދި ފުރުސަތު އެބައޮތެވެ. އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ރެއާލް އަށް އޮތްއިރު، ގްރޫޕްގެ އެންމެ ފަހު މެޗުގައި މިވަގުތު ޓޭބަލްގެ އެއްވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިއާ މޮންޝެން އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރު ޔަގީން ވާނެއެވެ. ރޭގެ މެޗުގައި ޝަޚްތަރުން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގަ އެވެ.
ޝަޚްތަރުގެ ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޑެންޓީނިއޯ އެވެ. ދެވަނަ ލަނޑު82 ވަނަ މިނެޓުގައި ކާމިޔާބު ކުރީ މޮނޯ ސޮލޮމަން އެވެ.
ރޭގެ މި މޮޅާއި އެކު ޝަޚްތަރު ވަނީ ކުޅުނު ފަސްމެޗުް ލިބުނު ހަތް ޕޮއިންޓާއި އެކު ގްރޫޕުގެ ދެވަނަ އަށް ޖެހިލާފައެވެ. ރެއާލް އަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓު ލިބޭއިރު، ގޯލުގެ ތަފާތުން ރެއާލްއަށް ލިބެނީ ގްރޫޕުގެ ހަތަރުވަނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް