ތޫފާން "ބުރެވި" ގެ އަސަރު މިއަދު ހަވީރު ރާއްޖެއަށް ކުރަން ފަށާނެ

އަވައްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 400 ކިލޯމީޓަރު ދުރުގައި އުފެދުނު ތޫފާން "ބުރެވި" ގެ އަސަރު މިއަދު ހަވީރު ރާއްޖެއަށް ކުރަން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވ...

02 Dec 2020 | 03:41

އަވައްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 400 ކިލޯމީޓަރު ދުރުގައި އުފެދުނު ތޫފާން "ބުރެވި" ގެ އަސަރު މިއަދު ހަވީރު ރާއްޖެއަށް ކުރަން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނު "ބުރެވި" އަށް ބަދަލުވީ ރޭގެ ވަގުތެއްގައި އެވެ. މި ތޫފާނު ދަތުރު ކުރަމުން ދަނީ ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާއި ކައިރި އަށެވެ.

މެޓް އޮފީހުން ބުނީ ތޫފާނުގެ އަސަރު ރާއްޖެއަށް މިއަދު ހަވީރާއި މިރެއިން ފެށިގެން ކުރަން ފަށާނެ ކަމަށެވެ. ތޫފާނު "ބުރެވި" ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ހަފްތާ ބަންދު ނިމެންދެން ތޫފާނު "ބުރެވި" ގެ އަސަރު ރާއްޖެއަށް ކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރުވެސް މި ތޫފާނުގެ އަސަރާއި އެކު ރާއްޖެއަށް ކުރާނެ އެވެ.

އެ އިދާރާއިން ދަނީ މި ތޫފާނާއި ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުން ކަމަށް ބުނެ އެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު އިންޒާރާއި ސަމާލުތައް ނެރެމުންދާނެ ކަމަށާއި އެކަމަށް އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް