ދީދީގެ ރަންނަމާރި ވީޑިއޯގެ މަންޒަރުތަކުން ތައްޔާރުކުރެވިފައިވާ ޕޯސްޓަރެއް -
އޭއައި ނުވަތަ ދިގުކޮށް ބުނާނަމަ އާޓިފިޝަލް
އިންޓެލިޖެންސްގެ ކޮންމެވެސް ފޮޓޯއެއް، ވީޑިއޯއެއް މިހާރަކަށް އައިސް ނުފެންނަ
ދުވަހެއް މަދުވާނެއެވެ.
ކޮންޓެންޓް ކްރިއޭޝަނާ ކޮންޓެންޓް ޕްރެޒެންޓޭޝަންގައި
އިންގިލާބީ ބަދަލެއް އޭއައި އިން ގެނެސްދީފައިވާއިރު އޭއައި މެދުވެރިކޮށް ދިވެހި
ކޮންޓެންޓް އުފެއްދުންވެސް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ދިވެހީންވެސް
އަންނަނީ ޓިކްޓޮކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކުގައި އޭއައި ދިވެހި
އެތައް ކޮންޓެންޓެއް ދޫކުރަމުންނެވެ.
ދިވެހި އޭއައި ކޮންޓެންޓްގެ ދުނިޔެއިން ދުވަހުން
މިއަދު ގެނެސްދޭން މިއުޅެނީ އެފަދަ އާދަޔާ ޚިލާފު ހުށަހެޅުންތަކެއް ހުށަހަޅަމުން އަންނަ
ގ. މާޖެހިގެ، އަހްމަދު މުހައްމަދު ދީދީ (ދީދީ) ގެ ވާހަކައެވެ.
ދީދީ އޭނާގެ އުފެއްދުންތައް ހުށަހަޅައިދެމުން
އަންނަނީ ޔޫޓިއުބްގައި ދީދީގެ ނަމުގައި ހަދާފައިވާ އެކައުންޓެއްގައެވެ.
ދީދީގެ މިފަދަ އާދަޔާ ޚިލާފު ކުޅަދާނަ އޭއައި ބައެއް
މަސައްކަތްތަކަށް ބަލައިލާއިރު
"ވަތަން އެދޭގޮތަށް" ރީކްރިއޭޝަން
އޭ ޒަމާނާ ވަގުތު ދިޔައީ – ސޮފާ ތައުފީގު ކަވަރ –
އޭއައި ރީކްރިއޭޝަން
މާޒީވެ ދިޔަހާ ތަނުން ލަވައިގެ ކަވަރ – އޭއައި ރީކްރިއޭޝަން
ލޯބި ލޯބިން – ރާއްޕެ ކަވަރ – އޭއައި ރީކްރިއޭޝަން
ލޯބީގެ މި އާލަމުގާ – އުމަރް ޒާހިރު ކަވަރ – އޭއައި
ރީކްރިއޭޝަން
އޯގާތެރިވޭ ލޯބިވާ – ކަވަރ – އޭއައި ރީކްރިއޭޝަން
ދަ ފޯލް އޮފް މުހައްމަދު އަމީން ދީދީ (އިނގިރޭސި ބަހުން)
ދަ ފޯލް އޮފް މުހައްމަދު އަމީން ދީދީ (ދިވެހި
ބަހުން)
ރަންނަމާރި – ވިސްޕަރސް ބިނީތު ދަ ވޭވްސް –
ރަންނަމާރި ވާހަކަ ދިވެހި ބަހުން
ދީދީގެ އޭއައި ވީޑިއޯތަކުގައި ފާހަގަ ކުރެވެނީ
ދިވެހި ވައްޓަފާޅިއާއި ދިވެހީންގެ ދިރިއުޅުމާއި ގުޅޭ ކުދި ކުދި
ޑީޓެއިލްސްތަކަށްވެސް ވަރަށް ވަރަށް ވިސްނުންތެރިކަމާއެކު ހުށަހަޅައިދޭން މަސައްކަތް
ކޮށްފައި ހުންނަ ކަމެވެ. ދީދީގެ އޭއައި ރީކްރިއޭޝަން ވީޑިއޯތަކުގައި ރީތި
ވާހަކައެއްގެ ސިފައިގައި އެ ލަވަތަކުގެ އަޑާއި މިއުޒިކަށް ދާންދެން އޭއައި
މެދުވެރިކޮށް ރީކްރިއޭޓްކޮށްފައިވާއިރު ކޮންމެ ހުށަހެޅުމެއްގައިވެސް ކެރެކްޓަރ ކޮންސިސްޓަންސީވެސް
ހިފަހައްޓާފައިވަނީ އިންތިހާ ހައިރާންވާފަދަ ދަރަޖައެއްގައެވެ.
ދީދީ އަކީ ކާކު އެ ކުރަނީ ކީއް !؟
ދީދީގެ ހިތްގައިމު ވީޑިއޯތައް ފެންނަމުން އަންނަތާ
ދެތިން މަހެއްހާ ދުވަސް ވެފައިވާއިރު ދުވަހުން ދީދީއަކީ ކާކުތޯ ހޯދަން އަދި އެ
ވީޑިއޯތަކާއިމެދު ދީދީގެ ބަހެއް ހޯދައިލަންވެސް މަސައްކަތް ކުރީމުއެވެ. ނަމަވެސް އެކަން
ކާމިޔާބުވާގޮތް އަދި ނުވެއެވެ.
އެހެންނަމަވެސް ދީދީއާއި ގުޅޭ ހައިރާންކުރުވަނިވި
މަޢުލޫމާތުތަކެއް ދުވަހަށް ހިއްސާކޮށްދެއްވީ މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން
މަސައްކަތް ކުރަމުން އަންނަ، ޓީވީ މޯލްޑިވްސްގައިވެސް އެތައް ދުވަހަކު މަސައްކަތްކުރި
އަދި މިހާރު ސަން މީޑިއާ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އާސިފް (މޮންދު)
އެވެ.
"އެއީ ގ. މާޖެހިގޭ، އަހްމަދު މުހައްމަދު ދީދީ،
މިހާރު ދިރިއުޅުއްވަނީ އެމެރިކާގައި" ހައިރާންކުރުވަނިވި މަޢުލޫމާތަކުން
މޮންދުގެ ވާހަކަ ފެއްޓެވިއެވެ.
މޮންދު ހާމަކުރެއްވި ގޮތުގައި ދީދީ އަކީ ކުރިން
ޓީވީއެމްގައި ވަރަށް ހުނަރުވެރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފެކެވެ. ސަޅި
ބައިސާ ފަދަ ޕްރޮގްރާމްތަކުގައި ވީއެފްއެކްސް ތައްޔާރުކުރުން ފަދަ މަސައްކަތްތައް
އޭރު ކޮށްފައިވާ އަދި ފަތިސް ހަނދުވަރު ފަދަ ދިވެހި ފިލްމުތަކުގައިވެސް ދީދީގެ
މަސައްކަތް ފެންނާނެކަން މޮންދު ހާމަކުރެއްވިއެވެ.
"ދީދީ އަކީ ޤައުމާ ދުރުގައި ހުއްޓަސް ޤައުމުގެ
ކަންކަމާ ވަރަށް ވިސްނާ ފިކުރުކޮށް، ދުރުގަ ހުރެގެންވެސް ޤައުމަށް ކޮށްދެވޭނީ ކޮން
ޚިދުމަތެއްތޯ ބަލަ ބަލާ ހުންނަ ފަރާތެއް" މޮންދު ވިދާޅުވިއެވެ.
ދީދީގެ އޭއައި މަސައްކަތްތަކަށް ދުވަހުން އެދެނީ
ކާމިޔާބީ އަށެވެ. ދުވަހުގެ ކިޔުންތެރިންނަށް ދީދީގެ މި އޭއައި މަސައްކަތްތައް ކަމުދާނެ
ކަމުގައިވެސް އުންމީދު ކުރަމުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް