ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ހައިޖެކް ކުރި ދޯނީގެ މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް ދައުލަތުގެ އިދާރާތަކަށް އެޗްއާރްސީއެމްއިން އިލްތިމާސް ކޮށްފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތޫނު އެއްޗިއްސާއި އެކު "ފަސްކުރި" ދޯންޏަށް ބަޔަކު އަރައި ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
"މިމައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިންނާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކާއި، ދިރިހުރުމުގެ ހައްގާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގާއި، މުދާ ރައްކާތެރިކުރުމުގެ ހައްގާއި މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އެޅިދާނެފަދަ މައްސަލައެއް. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން މި ކޮމިޝަނުން ކުއްވެރިކުރަން." އެޗްއާރްސީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމްގެ މި މައްސަލައަކީ ހައްސާސީ މައްސަލައެއްގެ ގޮތުގައި ދެކި، ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، މި ބިރުވެރި އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެކޮމިޝަނުން ގޮވާލާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ކޮމިޝަނުން ފާރަވެރިވެ، މި މައްސަލައިގެ ތަހްގީގު ކުރިޔަށްދާ މިންވަރު ގާތުން ބަލަމުންދާ ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ކޮމިޝަންގެ ބަޔާނުގައި ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި، ބާރުގެ ބޭނުންކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމައުގައި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ލޭ އޮހުރުވުން ފެތުރިދާނެފަދަ ކަމެއްކަމަށްވުމާއެކު، މިފަދަ އަމަލުތަކުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ.
https://twitter.com/hrcmv/status/1323199607816429570
ފަސްކުރި" މަސް ދޯންޏަށް އަރައި ފަޅުވެރިންނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން 16 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
އެހެންނަމަވެސް އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކޯޓުން އެ އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އައްޑޫ ސިޓީގެ މަސްވެރިންތަކެއް ހަރަކާތްތެރިވަމުން ދިޔަ "ފަސްކުރި" މަސްދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، އެދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ދަންވަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް