ދޫނިދޫގައި ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ސާފު ބޯފެން ނުދޭ މައްސަލައިގަ ފިޔަވަޅުއަޅަން އެޗްއާރުސީއެމްއިން އިން ނިންމައިފި އެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ބަންދުގައި ތިބި މީހުންނަށް ދެމުންދާ ފެނަކީ ބޯން ރައްކާތެރި ފެނަކަށް ނުވާތީ އެ ފެން ދިނުން ހުއްޓާލައި 72 ގަޑިއިރު ތެރޭގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ފުލުހުންނަށް މިދިޔަ ހަފްތާގައި އަންގާފައިވާނެ ކަމަށެވެ. އެޗްއާރުސީއެމުން ބުނީ އެ ފެން ތަހުލީލު ކުރި އިރު ފެނުގައި ބެކްޓީރިއާ ހުރިކަން އެނގިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިއަދު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ގޮސް ބެލިއިރު ވެސް، ފެން ފޯރުކޮށްދިނުމުގެ އިންތިޒާމް އިސްލާހު ކޮށްފައިނުވާ ކަމަށާއި އެކަން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަން އެނގިފައިވާ އެވެ. އެހެންވެ، އެ މައްސަލައިގަ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅުއަޅަން ނިންމީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ދަށުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ބުނާގޮތުން އެ ކޮމިޝަންގެ އެންގުމަކަށް ތަބާނުވެއްޖެ ނަމަ، އެކަން ކުރި މީހަކު ތިން މަހަށް ގޭ ބަންދު ކުރެވޭނެ އެވެ. އަދި ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އެ މީހަކު މަގާމުން ވަކި ކުރެވޭނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.
އެޗްއާރުސީއެމުން ބުނީ ދޫނިދޫ ބަންދުގައި ތިބި މީހުންނަށް ފޯރުކޮށްދެމުން ދަނީ ސާފު ބޯފެން ނޫން ކަމަށް ކަނޑައެޅީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް އެގޮތަށް ބުނެފައިވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް