ރޭ ގެއްލިގެން ހޯދަނިކޮށް އަމިއްލައަށް ގެއަށްދިޔަ ރ. ކިނޮޅަސް، ލަގްޒަރީ، އުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރު ގެއްލުނު މައްސަލައިގަ އެހެން ކަންތައްތަކެއް ފާހަގަވެގެން އިތުރަށް ތަހުގީގު ކުރަން ފަށައިފި އެވެ.
ޝިރުމީނާ ގެއްލުނީ އިއްޔެ މެންދުރު 1:30 ހާއިރު އެވެ. ފުލުހުންނަށް އޭނާ ގެއްލިގެން ރޭ 10:30 ހާއިރު ރިޕޯޓު ކޮށްފައިވަނިކޮށް އޭނާ އަމިއްލައަށް ގެއަށް ދިޔައީ މިއަދު ހެނދުނު 8:45 ހާއިރު އެވެ.
ފުލުހުން މިއަދު ބުނީ ބަޔަކު މީހުން ޝިރުމީނާ ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާކަމަށް ބެލެވިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ޝިރުމީނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.
އާއިލާއިން މީޑިއާގައި ބުނީ ޝިރުމީނާގެ އަތުން 25،000 ރުފިޔާ ފޭރިގަތްފައިވާ ކަމަށެވެ. އަދި ހަށިގަނޑަށް އެކި އަނިޔާ ދީފައިވާ ކަމަށެވެ. އެގޮތުން ލޯމަތީގަ ޖަހައި، އަތުގައި ކަޓަރު އެޅުމުގެ އިތުރުން ގައިގެ އެކި ތަންތަން އަނިޔާ ކުރުމުން ނޫފައިގަތްފައިވާ ކަމަށެވެ.
ޝިރުމީނާ އަކީ މާލޭގައި އޭނާގެ ކޮއްކޮއާއި ގުޅިގެން އަމިއްލަ ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާ ގެއްލިފައިވަނީ ފިހާރައަށް ބޭނުންވާ ތަކެތި ގަންނަން ދަނިކޮށް ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް