މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސްގެ ރައީސް ހަސަން ޒިޔަތް އަދި އެ އިންސްޓިޓުއުޓްގެ ބައެއް ކައުންސިލް މެމްބަރުންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އެކައުންޓިންގ ކޮލިފިކޭޝަންތައް ވެލިޑޭޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއެކު މަސައްކަތްތައް ތަރުތީބުކޮށްގެން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށެވެ.
މި ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ އަދަދުތައް އިންސްޓިޓިއުޓްގެ މަސައްކަތުގެ ތެރެއިން ފާހަގަވާނަމަ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ހިއްސާކުރުން ވަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމަށް ހުޅުވާލާއިރު، މިކަމަށް ރިއާޔަތްކޮށް މިދާއިރާއިން މީހުންބިނާކުރުމަށް އިސްކަން ދެވޭނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
އެކައުންޓިންގގެ ދާއިރާއަކީ މިހާރުވެސް ނެޝަނަލް ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާއެކެވެ. އަދި މި މައުލޫމާތުގެ އަލީގައި ފުރަތަމަ ޑިގްރީގެ ޕޮލިސީތައް ކަނޑައަޅާއިރު، ބޭނުންތެރިވާނެ ވާހަކަވެސް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެކައުންޓިންގ ދާއިރާގެ ޕްރޮފެޝަނަލް ބޮޑީއެއް ޤާނޫނަކުން ބާރުލިބިގެން އުފެދިގެން އައުމަކީ މިދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމަށާއި މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ކުރަމުން މިއަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު ކަމެއްގެ ގޮތުގައެވެ.
މީގެ އިތުރުން އެކައުންޓިންގ އަދި އޮޑިޓިންގްދާއިރާއަކީ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރަން ޖެހިފައިވާ ދާއިރާއެއް ކަންވެސް ފާހަގަ ކުރައްވާ މިކަމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް