ފެހެންދޫ ދަރިވަރުންނަށް އިންޑިއާއިން ހަދިޔާ ކުރި ލޯންޗު ފެރީ ބޭނުން ކުރަން ފަށައިފި

ބ ފެހެންދޫ ދަރިވަރުން ގޮއިދޫ ސްކޫލަށް ދިއުމަށް އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ލޯންޗު ފެރީ ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ. ފެހެންދޫގެ އާބާދީ މަދުކަމުން އެ ރަށު ދަރިވަރުން ކިޔަވަން ދަނީ އެއް ފަ...

02 Nov 2020 | 11:23

ބ ފެހެންދޫ ދަރިވަރުން ގޮއިދޫ ސްކޫލަށް ދިއުމަށް އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ލޯންޗު ފެރީ ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

ފެހެންދޫގެ އާބާދީ މަދުކަމުން އެ ރަށު ދަރިވަރުން ކިޔަވަން ދަނީ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށެވެ. ކުރިން އެ ދަތުރު ކުރުމަށް ބޭނުން ކުރީ އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައި އޮންނަ ޑިންގީ އެކެވެ.

ވިއްސާރައިގަ ވަރަށް ދަތި ހާލުގައި ކިޔަވާ ކުދިންނާއި ބެލެނިވެރިން ކުރި ދަތުރުތަކަށް ލުޔެއް ލިބުނީ މިދިޔަ ޖުލައި މަހު އިންޑިއާއިން ލޯންޗު ފެރީއެއް ފެހެންދޫއަށް ހަދިޔާ ކުރަން ނިންމުމާއި ގުޅިގެންނެވެ. ދަތުރުތައް ފެށުން ލަސްވީ ފެހެންދޫ ފަޅަށް ވަދެ ނުކުމެ ހެދުމަށް ދަތިވުމުން ކަމަށެވެ.

މިހާރު އެމްޓީސީސީން ދަނީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދަތުރުތައް ފެށުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފެހެންދޫ ދަރިވަރުންނަށް ފަސޭހައިން ސްކޫލަށް ދެވޭނެ މަގު ފަހިވުމުން އުފާ ކުރާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ލޯންޗު ހަދިޔާ ކޮށްފައިވާތީ ޝުކުރު އަދާކުރެއްވި އެވެ.

https://twitter.com/aisthly/status/1323176541233188865

މީގެ ކުރިން ބޭނުން ކުރި ޑިންގީގައި ގޮއިދޫއަށް ދެވެނީ ހަތް ވަރަކަށް މިނެޓުންނެވެ. މިހާރު އެ ދަތުރު ތިން މިނެޓު ތެރޭގައި ކުރެވޭކަމަށާއި ކުރިން ޑިންގީގައި ދެ ރަށް ދޭ ތެރޭގައި ކުދިން ގޮވައިގެން ތިން ބުރު ޖަހަން ޖެހުނަސް މިހާރު ހުރިހާ ކުދިން އެއް ދަތުރެއްގައި ގެންދެވޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ގޮއިދޫ ސްކޫލްގައި ފެހެންދޫގެ 30 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދެ އެވެ. ފެހެންދޫ ސްކޫލްގެ އާބާދީ މަދުކަމުން ކިޔަވައިދިނުން ހުއްޓާލައި ސްކޫލް ބަންދު ކުރީ 2008 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް