ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން، ދައުވާ ކުރާނެ ހެއްކެއް އަދި ގަރީނާއެއް ފެންނަން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެމައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ވޯޓަށް މަޖިލީހުގައި އެހުމުން އެކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ 50 މެމްބަރުންގެ ވޯޓުންނެވެ.
ޕީޖީގެ ނިންމުން އަލުން ބަލައި ދިނުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ޖުޑިޝަރީ ކޮމިޓީއަށް އެ މައްސަލަ ނަޝީދު ހުށަހެޅީ މިދޔަމަހުގެ 21 ވަނަ ދުވަހުގެ ޖަލްސާގަ އެވެ. މައްސަލަ ދިރާސާ ކުރުމަށް ފަހު މިދިޔަމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން، ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށް ފާސްކޮށްފައި ވެއެވެ.އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ
ނަޝީދު ފޮނުވާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވަަ އެވެ.
އެ ރިޕޯޓުގައި ޖުޑިޝަރީ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަންތައް:
1- މި މައްސަލައަކީ އޭސީސީ އާއި ފުލުހުން ގުޅިގެން ކޮށްފައިވާ ތަހުގީގެއްކަން ބަޔާންކޮށްފައި ވީ ނަމަވެސް، ތަހުގީގުގައި ފުލުހުން ބައިވެރިވިކަން، ނުވަތަ ބައިވެރިވެފައިވި މިންވަރު ވެސް ސާފު ނުވުން
2- ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމުގައި އަމަލުކޮށްފައި ވަނީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުމަށް އޮންނަ ގޮތްތައް އިހުތިޔާރު ކުރުމަށް ވުރެ ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތައް އިހުތިޔާރު ކޮށްގެންކަން
3- ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ ހުރިހާ މަރުހަލާއެއްގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ރިޕޯޓުން ހާމަވާން އޮތްކަން
4- މި މައްސަލާގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި ނަމަވެސް، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގެ ބައިވެރިވުމާއެކު، ޕީޖީގެ ނިންމުން އިތުރަށް މުރާޖައާކޮށް ދައުވާއެއް ކުރަން ފުރުސަތު އޮތްކަން
5- މުޅި މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުން ކަމަށް ވާއިރު، އެ މަގްސަދު ގެއްލޭ ގޮތަށް ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެކަން
ޕީޖީ އިން ނިންމި ނިންމުން މުރަޖައާ ކުރުމުގެ ހުށަހެޅުމަށް ބަހުސް ކުރުމުގެ ތެރެއިން ނަޝީދު ވިދާޅުވީ، އޭސީސީގެ ރިޕޯޓުގައި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވޭ ވަރަަށް ހެކި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ހިނދަކު މި ހިޔާނާތުގެ މައްސަލާގައި ބައިވެރިވާ ފަރާތްތަކަށް ދޭން ޖެހޭ ހައްގު އަދަބު ލިބި ދައުލަތަށް ގެއްލުން ލިބުނު ފައިސާ އަނބުރާ ލިބެން ދެން މަޖިލީހުން އެ ކަމުގައި ފާރަވެރިވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް