އައިންތުގެ ޓެކްސީއަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ އަމަލެއް: ނަޝީދު

އަންހެން ޓެކްސީ ޑްރައިވަރު، އަމިނަތު ވަހީދާގެ ކާރަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ތުހުމަތުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަހަކަ ދައްކަވައިފި އެވެ. ނަޝިދު ...

02 Nov 2020 | 08:36

އަންހެން ޓެކްސީ ޑްރައިވަރު، އަމިނަތު ވަހީދާގެ ކާރަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ތުހުމަތުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަހަކަ ދައްކަވައިފި އެވެ.

ނަޝިދު އެގޮތަށް ވާހަކަ ދެއްކެވީ އެ ހަމަލާއާ ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެން ގޭގައި ބައިތިއްބައި ހަމައެކަނި ޖިންސީ އެދުން ފުއްދަ ބަޔަކަށް ހަދައި ކުރުމައިންގެ ގޮތުގައި ގޭގައި ބެއިތިއްބުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފިކުރުގެ މީހުން ދެކޭ ގޮތުގައި އަންހެނުން ތިބެން ވާނީ ގޭގައި ނޯކަރީންގެ ގޮތުގައި ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، އައިންތުގެ ޓެކްސީއަށް ދިން ހަމަލާއަކީ އަންހެނުން ގޭގައި ބައިތިއްބުމަށް އިންތިޒާމްވެގެން ހިންގާ ކަމެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ ބައެއް މުއައްސަސާތަކުން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ބައިވެރިވުން އޮންނަ ކަމަށެވެ.

އައިންތުގެ ކާރަށް ފަސް ފަހަރު މަތިން ވަނީ ގެއްލުން ދީފަ އެވެ. ޓެކްސީއަށް ގެއްލުން ލިބުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާތީވެ، ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އާމިނަތު ވަހީދާ ވަނީ އެދިފަ އެވެ. އެންމެ ފަހުން އޭނާގެ ކަރަށް ދިން ގެއްލުން މަރާމަތު ކުރުމުގެ އެހީތެރިކަން ފޯރުކޮށް ދިނީ ސްޕޯޓްސް އެންޑް ޔުތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ، އައިންތުގެ ކާރަށް ފަސް  ފަހަރަށް ގެއްލުން ދިނުމުން ވެސް އެކަން ބެލިފައިނުވާ ކަމަށެވެ. އަދި މީހަކު މަގުމަތިން އައިންތުގެ ކާރު ހުއްޓުވައި ގެއްލުން ދޭއިރު ހެކި ނެތިގެން މައްސަަލަ ނުބެލޭކަމަށް ފުލުހުން ބުންޏަސް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ.

ރޮޒޭނާ ވިދާޅުވި، ފުލުހުންގެ މުއައްސަސާގައި އެެފަދަ މައްސަލަތަށް ބަލަން ތިބެން ޖެހޭނީ އަންހެނުންނަށް ކުރާ އަނިޔާ އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން މައްސަލަ ބަލާ މީހުން ކަމަށެވެ. އަދި އެނޫން ބަޔަކު ތިބެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް