އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް މީޑިއާގައި ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެ އުޅުމާއި ގުޅޭގޮތުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވައިދަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަލި ފެތުރޭނެ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް އެދިވަޑައިގެންނެވި އެވެ.
މާލެ ސަރަހައްދުގައި އެއްވެ އުޅުމާއި ގުޅޭގޮތުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިވާގޮތުގައި އާންމު ތަންތަނުގައި އެއްކޮށް އުޅޭވޭނީ ގިނަވެގެން ފަސް މީހުންނަށެވެ. އަދި ޖަލްސާއެއް ބާއްވާނަމަ 30 މިނެޓަށްވުރެ ދިގުވެގެން ނުވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ހުއްދަ ދޭނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އެ ކޮމިޝަނުން ދަނީ ވަމުންނެވެ. އެގޮތުން ވަރަށް އަވަހަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި ރީ ރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އީސީން ބުނެ އެވެ.
ކައުންސިލް އިންތިހާބަށް ތާއްޔާޜުވުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އެކު އީސީން ވަނީ މަޝްވަރާތައް ފަށާފައި އެވެ.
ކައުންސިލް އިންތިހާބު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު އެވެ. ކޯވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސް ކުރަން ނިންމީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފޯރިއާ އެކު ސިޔާސީ ޕާޓީތަކުން ކުރަމުންދަނިކޮށެވެ.
އިންތިހާޞު ފަސްކުރި ނަމަވެސް އިތުރު ހަރަދެއް ނުހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް