ކޮވިޑް-19އިގެ ބަލީގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަށް ހިމެނޭތީ އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހިންމު ސުވާލެއް ކުރައްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަށް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވަކުރާނެ ހެއްކާއި ގަރީނާ ނެތްކަމަށް ބުނެ އެ މައްސަލައިގައި ހިލާފު އުފެދިފައިވާތީ އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް ފޮނުވާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހަޅައި ނިމުމުން ނަޝީދު ވަނީ އިންތިއާ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލުގައި ނަޝީދު އެއްސެވީ ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓާސް ކުންފުންޏަށް ދީފައިވާ ފައިސާތަށް އެނބުރި ރާއްޖެ އައިސްފައިވޭތޯ އެވެ. އަދި ވެންޓިލޭޓަރު ގަތުމުގެ ހުރިހާ ކަމެއް ދިޔައީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ކަމަަށާއި އެއީ އޮޅުމެއް އޮތްކަމެއް ނޫން ކަމަށެވެ. ދެ ވަނަ ސުވާލެއްގެ ގޮތުގައި ވެސް ނަޝީދު އެއްސެވީ ވެންޓިލޭޓަރު ކޮރަޕްޝަނާ ގުޅިގެން ތައްޔާރުކުރި އެއްވެސް ރިޕޯޓެއްގައި ރާއްޖެއަށް ނިސްބަތްވާ އެކައުންޓަކަށް އެގްޒެކިއުޓާސް ކުންފުނިން ނުވަތަ އެހެން ކުންފުންޏަކުން ވެސް ފައިސާ ޖަމާކުރިކަމުގެ ރިޕޯޓެއް ލިބިފައި ވޭތޯ އެވެ.
"އަޅުގަނޑުގެ ހިތަށް ވަންނަ ސުވާލެއް އެބަވޭ، އެއްވެސް މުވައްސަސާއަކުން ބެލިތޯ މީގެއިން އެއްވެސް ރިޕޯޓެއްގައި ވޭތޯ، އިއްޒަތްތެރި މެމްބަރުންގެ ދިރާސާތަކުން އަދި އޭސީސީގެ ރިޕޯޓުންނާއި، އެހެން ހުރިހަ އެއްޗަކުން އެބައިގޭ މުޅިން މިކަން ގޮސްފައިމިވަނީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައިކަން އެއްވެސް ޝައްކެތް ނެތް އެއްވެސް މީހަކަށް އޮޅުމެއް ވެސް ނާރާ އިތުރަށް ބެލިފަ އެބައޮތްތޯ އެ ފައިސާ ރާއްޖެއަށް އައި މަގެއް ނުވަތަ އެއްވެސް ދިިމާލަކުން ރާއްޖެ އައިސްފައިވޭތޯ؟" ނަޝީދު ވިދާޅުވި އެވެ.
ސުވާލުތަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، އެގްޒެކިއުޓާސް ކުންފުންޏަށް ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރަ ދައްކާފައިވާކަން އެގެން ނެތް ކަމަށެވެ.
"ވެންޓިލޭޓަރުތަށް ފޯރުކޮށް ނުދިނުމުގެ ސަބަބުން ދެން އެ ފައިސަ އަނބުރާ ދިވެހި ދައުލަތަށް ފޯރުކޮށްދީފަ އަނބުރާ ދައްކާފައިވާކަން އެގޭކަށް ނެތް" އިންތި ވިދާޅުވި އެވެ.
އިންތި ސުވާލަށް ޖަވާބު ދެއްވުމުން ނަޝީދު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭޝިއަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ) އަށް އެ ފައިސާ ރާއްޖެ ލިބުނުކަން ވަރަށް ފަސޭހައިން ބެލެން ހުންނާނެ ކަމަށެވެ. ނަމަވެސް އިންތިގެ ޖަވާބުން ވެންޓިލޭޓަރު މައްސަލަ ތަހުގީގު ކުރުމުގައި އޭސީސީއާ ބައިވެރިވި ފުލުހުން އެ މިންވަރަށް އެކަން ބަލާފައި ނުވާކަން މިހާރު އެގިއްޖެ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވީ ދިވެހި ދައުލަތަށް އެހެން މީހެއްގެ އެކައުންޓަށް ވެސް ކުންފުންޏެއްގެ އެކައުންޓަށް ވެސް އެފައިސާ އެދިޔަ ތަނަކުން އެމްއެމްއޭ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޔުނިޓުން ފައިސާ ދައުރުކުރާ ގޮތް ވަރަށް ރަނގަޅަށް ބަލަމުން ގެންދެވޭނެ ދިވެހި ރާއްޖެއަށް ވަންނަ ކޮންމެ ފައިސާއެއް އަދި ކޮންމެ އެކައުންޓަކުން އަންނަ ފައިސާ އެއްވެސް އެއީ ކޮންތަނަކުން ކޮން އިންވޮއިސަކާ ގުޅުވައިގެން ކޮން އެއްޗެއްގެ ޕޭމެންޓެއްތޯ މިއިން މިއީ ފައިނޭޝިއަލް އިންވެސްޓިގޭޝަނުން ވަރަށް ފަސޭހައިން އިގޭ ކަމެއް އެހެން ނަމަވެސް އިއްޒަތެރި މެމްބަރު ތި ވިދާޅުވީ އެއީ ފުލުހުން ބަލާފައިވާ މިންވަރެއް ނޫނޭ" ނަޝީދު ވިދާޅުވި އެވެ.
ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސަކަށް އެމަނިކުފާާނު ހުންނަވަނިކޮށް ވެންޓިލޭޓަރު ކޮރަޕްޝަންގައި ބައިވެރިވި އެއްވެސް މީހަކަށް އެކަމުން ސަލާމަތް ނުވެވޭނެ ކަމަށެވެ. އަދި މަޖިލިސް އޮތީ އެ މައްސަލައިގައި އެހާ ފަސޭހައިން ގޮތްދޫކުރަ ގޮަތަކަށް ނޫން ކަމަށެވެ. އަދި މީހަކު ފައިސާތަކެއް ފޭރި ގަނެގެން ފިލަން ދުވަނިކޮށް އެ މަނިކުފާނަށް ފެނިއްޖެނަމަ އެކަން ހުއްޓުވަނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެސީސީގެ ރިޕޯޓުގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރަން ފޮނުވޭނެ ކަމަށް ޖުޑިޝަރީ ކޮމިޓީނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭސީސީގެ ރިޕޯޓުގައި ހުރި ކަންތައް ފާހަގަކޮށް ދައުވާކުރަން ފޮނުވާއިރު ހުކުމް ކުރައްވާނީ ފަނޑިޔާރު ކަމަށެވެ. އެހެންކަމުން އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުށް ސަބިތު ނުވުމަކީ އޭސީސީ ނުވަތަށް ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މައްސަލައެއް ނޫން ކަމަށެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީއިން ޕީޖީ ގައި އެދުނެވެ. އެ ދައުވާގެ ކުރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން، އަމީނާއި ނިޝާމާ ހިމެނިވަޑައިގަންނަވާ ގޮތަށް މިނިސްޓްރީގެ އެހެން އިސް ބޭފުޅުން ވިދާޅުވެފައި ވަނީ އެއްވެސް ފަރާތަކަށް މަންފާ ހޯދައިދޭން ކުރި އަމަލެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑްގެ ފަރުވާ އަށް އިމަޖެންސީކޮށް ވެންޓިލޭޓަރުގެ ބޭނުން ޖެހުމުން، އެންމެ ކުރު މަގަކުން އަމަލުކޮށްފައި ވާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކުގައި ކަަމަށާއި ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ވެސް ވަނީ އެ ކޮމިޓީ ބައްދަލުވުމުގައި ބުނެފަ އެވެ. އެކަމަކު، އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ، ފައިސާ ދޫކުރީ ވެސް ފިނޭންސުން ދިން ލަފަޔާ ޚިލާފަށް ކަމަށެވެ. އެގްޒެކިއުޓާސް ބިޑް ކޮމިޓީއަށް ތައާރަފްކޮށްދިނުމާ އެކު ފައިސާ ދޫކުރުމާ ހަމައަށް އަމަލުކޮށްފައި ވަނީ އެ ކުންފުންޏަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭން ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.
އެކަމަކު ޕީޖީ ހުސެއިމް ޝަމީމް ވިދާޅުވެފައވަނީ، އެއްވެސް ބަޔަކަށް ނާޖާއިޒު މަންވާއެއް ވި ކަމަށް އޭސީސީ އަށް ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް