ރޫޓް ކުންފުނީގެ ފައިސާ ބޭންކަށް ޖަމާކުރަން ދިޔަ ވަގުތު ގްރޫޕަކުން އެފައިސާ ފޭރަން އުޅުނު މައްސަލައިގައި ކަމާ ބެހޭ މުއައްސަސާތަކާއެކު، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.
ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ގެންދިޔަ ރޫޓުގެ ފައިސާ ފޭރަން މަސައްކަތް ކުރި މިދިޔަ މަހު 25 ވަނަ ދުވަހު އެވެ. އެ މައްސަލަ ހިމަނައިގެންނާއި މިފަހުން ފޭރުމުގެ މައްސަލަ މާލޭގައި ގިނަ ވަމުންދާތީގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކޮށްފައިވަނީ، ޑިފެންސް އާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިންނެވެ. ކޮމިޓީގެ ބައްދަލުވުން ފަށާފައިވަނީ ހެނދުނު 10 ޖެހި އިރު އެވެ.
ހަމަ އެ ކޮމިޓީގައި ހަތިޔާރާއެކު ދޯންޏަކަށް އަރައި އެ ދޯނި ހައިޖެކް ކުރި މައްސަލައަ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ. އެ ކޮމިޓީގެ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ފޭރުމުގެ މައްސަލަތަކަކީ މިހާރު ވެސް ތަހުގީގު ކުރެވެމުންދާ މައްސަލަތަކަށް ވާތީ އާންމު ފޯރެއްމެއްގައި އެކަންކަމުގެ ތަފްސީލަށް ނުދެވޭނެ ކަމަށްވުމުން ކޮމިޓީ ސިއްރުކުރަން އެދޭ ކަމަށެވެ.
ރިޔާޒު އެދުނު ގޮތަށް އެ ކޮމިޓީ ވަނީ ސިއްރުކުރަން ނިންމާފަ އެވެ. ކޮމިޓީ ސިއްރު ކުރުމުގެ ކުރިން ރިޔާޒު ވިދާޅުވީ، ރޫޓުގެ ފައިސާ ފޭރެން އުޅުނު މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފަސް މީހުންގެ ތެރެއިން އެކަކީ މީގެ ކުރިން ވެސް ކުށުގެ އެކި މައްސަލަތަކުގައި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ފަރާތެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިހާރު ކުށްތަަކަށް އަރައިގަންނަ މީހުން އެކަން ކުރަނީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކިގެން ކަމަށެވެ.
ރޫޓު ކުންފުނީގެ ފައިސާ ފޭރެން އުޅުމުން ބެންކު ސެކިއުރެޓީ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން ފޭރެން އައި މީހުން ވަނީ އެ ސަރަަހައްދު ދޫކޮށް ގޮސްފަ އެވެ. މިކަން ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް ވަނީ ހަމަ ދުވަހު އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހަކު ވަނީ ފައިސާ ފޭރެނަ ސައިކަލުގައި އައިސްފަ އެވެ. އެމީހުން އައިސްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ. ހަަތަރު މީހުންގެ ތެރެއިން އެކަކު ހުރީ ހެލްމެޓް ނާޅާ އެވެ. ރޫޓުގެ ވޭން އޯވާޓޭކް ކުރުމަށްފަހު ފޭރެން އައި މީހުން ވަނީ ބެންކު ކުރިމަތީގައި މަޑުކޮށްފަ އެވެ. އަދި ވޭން ސިލޯޏް ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓް އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ދެ ފަހަރެއްފެ މަތިން މަސްއްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.
ފޭރެން އައި މީހުންގެ ތެރެއިން އެކަކު ވަނީ ފައިސާ އަޅާފައި ހުރި ދަބަސް ނަގައިގަނެގެން ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބޭންކު ސެކިއުރެޓީވަނީ އެ ފައިސާ އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒިފަކާ ހަވާލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ފޭރެން އުޅުނު ފައިސާގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ އެވެ.
އެ ފޭރުން ހުއްޓުވި ބީއޯސީގެ ސެކިއުރެޓީ ގާޑުގެ އަގު ވަޒަަންކޮށް އޭނާއަށް ވަނީ 50،000 ރުފިޔާ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް