އާންމުގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާ ވަގުތު ހާޒިރުވާ މެމްބަރުން ފެންނަ ގޮތަށް ބޯޑެއް ބަހައްޓަން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ޖަލްސާ ފަށާ ވަގުތު މެމްބަރުން ހާޒިރުވުމަށް ލާޒިމު ނުކުރެ އެވެ. އޭގެ ބަދަލުގައި ޖަލްސާގެ ކޮންމެ ވަގުތެއްގައި ވެސް މެމްބަރުން ހާޒިރުވެ ބައިވެރިވެއްޖެނަމަ ހާޒިރުވި ކަމުގައި ބަލާނެ އެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރޔ އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވޯޓަށް އެހުމަށްފަހު ނަޝީދު ވިދާޅުވީ، ވޯޓުގައި ބައިވެރިވެވަޑައިގަތީ 35 މެމްބަރުން ކަމަށެވެ.މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ޖަލްސާ ފަށާ ވަގުތު ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަދަދު މަދެވެ. ޖަަލްސާ ފަށާ ވަގުތު އާންމު ގޮތެއްގައި 30 އެއްހާ މެންބަރުން ތިއްބެވި ނަމަވެސް މަޖިލީހުގެ ޖަލްސާ ނިމޭ ވަގުތު ނަގާ ވޯޓު ގަޑިތަކުގައި 50 އަށް ވުރެ މެންބަރުން ތަޅުމުގައި ތިއްބަވަ އެވެ.
އެކަމަށް އަލިއަޅުވާ ނަޝީދު ވިދާޅުވީ، ޖަލްސާ ޓީވީތަކުން ލައިވް ކުރަމުންދާއިރު ޖަލްސާ ފަށާ ގަޑީގައި ޓީވީން ހާޒިރީ ބޯޑު ފެންނާނެ ގޮތަށް ހަދައިދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހުގައި އެދިފައިވާ ކަމަށެވެ. އެކަމަކު މީޑިއާގެ ކަންކަން ބަލަހައްޓަވާ ބޭފުޅަކަށް ނުވާތީ ސީދާ އެމަނިކުފާނަށް އެ ކަން ނުކުރެއްވޭނެ ކަމަށެވެ.
ޖަލްސާ ފަށާ ވަގުތު ހާޒިރުވާ މެމްބަރުންގެ އަދަދު މަދު ވާތީ އެކަމުގެ ކަންބޮނޑުވުން މީގެ ކުރިން ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މެންބަރުންގެ ހާޒިރީއަށް ރިއާޔަތްކޮށް ގަޑި ޖެހޭ މެންބަރުންގެ މުސާރައާއި އިނާޔަތުން ކެނޑޭ ގޮތަށް ހުށަހަޅުއްވާނެ ކަމަށް ވެސް މީގެ ކުރިން ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައެއް ނުވެ އެވެ.
މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ އާ ގަވާއިދުގެ ދަށުންމެންބަރުން ހާޒިރު ނުވާ ޖަލްސާތަކަށް މެންބަރުންގެ މުސާރައިން އުނިވާ ގޮތަށް ވަނީ ހަދައިފަ އެވެ. އެ ގޮތުން 50 ޕަސެންޓް ޖަލްސާއަށް ހާޒިރު ނުވެއްޖެނަމަ މުސާރައިން 50 ޕަސެންޓް އުނިވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް