ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -
އިންސާނީ ޒަރޫރީ އެހީއާއެކު އެއްވެސް ހަތިޔާރެއްނެތި
ޣައްޒާއަށް ދަތުރުކުރަމުން އަންނަ އުޅަނދު ގާފިލާ "ގްލޯބަލް ސުމޫދު
ފްލޮޓިލާ"ގެ ބައެއް އުޅަނދުތަކަށް ރޭގެ ވަގުތެއްގައި އިސްރާއީލު ސިފައިން
އަރައިގަތް އަރައިގަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު
މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.
އެ ގާފިލާއަށް ހުރަސް އެޅުމުގެ ގޮތުން އިސްރާއީލުގެ
ކަނޑުގެ ސިފައިންވަނީ ރޭގެ ވަގުތެއްގައި އެއިން ބައެއް އުޅަނދުތައް ހުއްޓުވައި
ބައެއް އުޅަނދުތަކަށް އަރައި ބައެއް ފަރާތްތައް ގެންގޮސްފައެވެ.
މިކަމާއި ގުޅުވައި ރައީސް މުޢިއްޒު މިއަދު ވިދާޅުވީ
އިސްރާއީލުގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ގާފިލާއަކީ އަސާސީ
ސަރޫރީ ތަކެތި ނެތި އިންތިހާ ހާލުގައި ޖެހިފައިވާ ފަރާތްތަކަކަށް ޒަރޫރީ އިންސާނީ
އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ގާފިލާއެއް ކަމަށެވެ.
"އިންސާނީ ކަރާމާތަށް ކުޑަނަމަވެސް ރަހުމެއް
ނެތްކަން ތަކުރާރު ކުރަމުން އަނެއްކާވެސް އިސްރާއީލުން ތި ލިބިގަންނަނީ ނަފްރަތާއި
އެކަހެރިކަން" ރައީސް ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ އެ އަމަލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ
ފަރާތްތަކަށް ރައީސްގެ އެ ޕޯސްޓްގައި ގޮވާލައްވާފައިވެއެވެ.
ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ އެ ގާފިލާގެ ބައެއް
އުޅަނދުތައް ހުއްޓުވައި ބައެއް އުޅަނދުތަކުން މީހުން ގެންގޮސް ބައެއް އުޅަނދުތަކަށް
ހުރަސް އެޅި ނަމަވެސް އަދިވެސް އެ އުޅަނދުގައި ހިމެނޭ 30 ވަރަކަށް އުޅަނދު
އަންނަނީ ޣައްޒާއާއި ދިމާއަށް ދަތުރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް