ތިބާގެ އީމާންތެރިކަން ވަރުގަދަ ކުރަން ބޭނުންނަމަ މިގޮތަށް ކަންތައް ކޮށްލާ !

އީމާންތެރި ކަމަކީ ގިނަވެ މަދުވާ އެއްޗެކެވެ. އެގޮތުން ގިނައިން ހެޔޮއަމަލް ކޮށް އުޅުނު ވަރަކަށް އީމާންތެެރިކަންވެސް އިތުރުވެއެވެ. އަދި ހެޔޮއަމަލް ތަކާއި ދުރުވި ވަރަކަށް އީމާންތެރިކަން މަދުވެ ދަށައް ދެއެ...

02 Oct 2020 | 15:51

އީމާންތެރި ކަމަކީ ގިނަވެ މަދުވާ އެއްޗެކެވެ. އެގޮތުން ގިނައިން ހެޔޮއަމަލް ކޮށް އުޅުނު ވަރަކަށް އީމާންތެެރިކަންވެސް އިތުރުވެއެވެ. އަދި ހެޔޮއަމަލް ތަކާއި ދުރުވި ވަރަކަށް އީމާންތެރިކަން މަދުވެ ދަށައް ދެއެވެ. އެހެން ކަމުން ވަރުގަދަ އީމާންތެރިކަމެއްގެ މަތީގައި ދެމި ތިބުމަށް ގިނަގިނައިން ހެޔޮއަމަލް ތައް ކުރަން ޖެހެއެވެ.

އެގޮތުން ވަރުގަދަ އީމާންތެރި ކަމެއްގެ މަތީ ދެމި ހުރުމަށްޓަކައި ކުރަންވީ ކަންތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެގޮތުން އޭގެތެރެއިން ބައެއް ކަންތައް ތަކަށް ބަލާލާނަމެވެ.

ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނަ އާއި މެދުގައި ފުންކޮށް ވިސްނުން.

ގުރްއާނުގައި އައިސްފައިވާ ސުވަރުގެ އާއި ނަރަކައިގެ ވާހަކަ ތަކާއި ނަބީ ބޭކަލުންގެ ވާހަކަ ތަކާއި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަ ހިތްމައްޗަށް ގެނައުމުން އިންސާނާގެ އީމާންކަން ވަރުގަދަވެގެން ދާނެއެވެ.

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތު ދިރާސާ ކުރުން.

އަދި ޞަޙާބީންގެ ދިރިއުޅުން ބައްޓަން ކުރެއްވި ގޮތުގެ ވާހަކަ ތައް ކިޔާ އެވާހަކަ ތަކާއި މެދުގައި ވިސްނާ ފިކުރުކުރުން. މީގެ އިތުރުން ޞާލިޙް ރަގަޅު ބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލް ކުރުން.

ތިމާގެ ނަފްސުގެ ޢަމަލުތައް އަމިއްލަ އަށް ޙިސާބުކޮށް، މަރުވާނެ ކަން ހަނދާން ކުރުން.

އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ ޢަމަލުތަކަށް މާތް ﷲ ޙިސާބު ބައްލަވާނެކަން ހިތްމައްޗަށް ގެނައުން.

ތިމާގެ އެކުއުޅޭ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަގަޅު ރަޙްމަތްތެރިން ކަމުގައި ހެދުން.

ސަބަބަކީ ވަރަށް ގިނަފަހަރަށް އެކުއުޅޭ މީހެއްގެ ސަބަބުން އިންސާނާގެ ޢަމަލުތަކަށް ބަދަލު އަންނާތީއެވެ.

ދީނީ ދަރުސްތަކަށް ޙާޟިރުވެ، ދީނީ މަޢްލޫމާތު ގެ ޚަޒާނާ މުއްސަންދި ކުރުން.

އަދި ދީނީ މަޢްލޫމާތު ގިނަގިނައިން ހޯދައި ދިރާސާ ކޮށް ހެދުން.

ރޭޑިޔޯ ޓީވީ އިން އަންނަ ދީނީ ޕްރޮގްރާމް ތައް ބަލާ ދީނީ ދަރިސްތައް އަޑުއަހާ ހެދުން.

މި ނޫންވެސް އެތައް ކަމެއް އީމާން ކަން ވަރުގަދަ ކުރުމުގެ ގޮތުން ކުރެވިދާނެއެވެ.

ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާ ބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

މާތް ﷲ އަޅުގަޑަށާއި ތިޔަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚްތުންނަށް ހެޔޮ ތައުފީގް ދެއްވާ އަޅުގަޑުމެންގެ އީމާންކަން ވަރުގަދަ ކޮށްދެއްވާށި. އާމީން. والله أعلم

މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް އަބުދުއްލަތީފް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް