ކޮވިޑްގައި ކުރިމަތިވާ ހުރިހާ ދައްޗަކާ ކުރިމަތިލައި، ހިތްވަރާ އެކު ހަނގުރާމަކުރަނީ އަންހެނުން ކަމަށް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ "ފޯތު ވަރލްޑް ކޮންފަރެންސް އޮން ވުމެން" އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އދ. އިން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތްތަކުގައި އިތުބާރާ އެކު ބަރޯސާ ވެފައި ވަނީ އެކަމުގައި އިސްކޮށް އުޅޭ އަންހެނުންނަށް ކަމަށެވެ. އަދި އަންހެނުންނަށް ކުރިއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތައް ކޮވިޑް-19ގެ ސަބަބުން އިތުރުވެފައިވާ ކަމަށެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އިސްކޮށް މަސައްކަތް ކުރުމުން ފެށިގެން، ލެބޯރެޓަރީގައި މަސައްކަތްކޮށް، ސާމްޕަލްތައް ނަގައި ޓެސްޓްކޮށް، ވަގުތީ ހިޔާތައް މެނޭޖުކޮށް، މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުންގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ ވެސް އަންހެނުން ކަމަށެވެ.
"އަންހެނުންނަށާއި އަންހެންކުދިންނަށް ބޭނުންވާ ޖިސްމާނީ އަދި ނަފުސާނީ ސިއްހީ އެހީތެރިކަން ކުރިން ވެސް އެކަށީގެންވާ ވަރަށް ނުލިބި އޮއްވައި، ކޮވިޑްގެ ސަބަބުން ސިއްހީ ނިޒާމަށް މިވަނީ ބާރުބޮޑުވެފަ." މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ދަތިތަކުން އަރައިގަތުމަށް ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ދަރަނި ފަސްކޮށްދިނުން ފަދަ އެހީތެރިކަން ދުނިޔޭގެ މާލީ އިދާރާތަކުން ދިނުމަކީ މިހާރު ކޮންމެހެން ބޭނުން ކަމެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް