ޔުރޮޕާ ލީގު ޕްލޭ އޮފްގައި ރޭ އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާއި އިސްރާއީލްގެ މެކާބީ ހައިފާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ޓޮޓެންހަމުން ކާމިޔާބުކޮށް ޔޫރޮޕާ ލީގުގެ ގްރޫޕު ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
ޓޮޓެންހަމުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-7 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. ބެން ޑޭވީސްގެ އެހީއާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. އެހެން ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ޓިޖަރޮން ޗެރީ ވަނީ މެކާބީ ހައިފާއަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ.
ނަމަވެސް އެ ޓީމަށް ނަތީޖާ ހިފަހައްޓާލެވުނީ ހަތަރު މިނެޓަށެވެ. ޓޮޓެންހަމުގެ ލޫކަސް މޯރާ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ނެގިއިރު 36 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ސެލްސޯ އެވެ. ޓޮޓެންހަމުގެ ހަތަރު ވަނަ ލަނޑަކީވެސް ކޭންގެ އެހީއާއެކު ސެލްސޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ޓޮޓެންހަމް ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެ ލިބުނު ޕެނަލްޓީއެއްގައި ރުކަވީޓްސިޔާ ވަނީ މެކާބީ ހައިފާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓާއި 74 ވަނަ މިނެޓުގައި ދެ ލަނޑު ކާާމިޔާބުކޮށް ކޭން ހެޓްރިކް ހެދިއިރު ޓޮޓެންހަމުގެ ހަތްވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ޑެލޭ އަލީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުން މޮޅުވެ ޓޮޓެންހަމް ޔުރޮޕާ ލީގުގެ ގްރޫޕު ސްޓޭޖުން ޖާގަ ހޯދިއިރު ޔޫރަޕާ ލީގުގެ ގްރޫޕު ސްޓޭޖުގެ ގުރުނެގުން މިރޭ އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް