އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން ލިވަޕޫލް ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ރޭގެ މެޗުގައި އާސެނަލުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއިންނެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލަށް ކުރި ލިބުނީ ލިވަޕޫލުން ޖެހި ދެ ޕެނަލްޓީއެއް އާސެނަލްގެ ގޯލްކީޕަރު ޖަރުމަނުގެ ބާންޑް ލިނޯ ދިފާއުކުރުމުންނެވެ.
ރޭގެ މެޗު އާސެނަލްއަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ގޯލަށް ވައްދާލީ އުމުރުން 21 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޖޯ ވިލޮކް އެވެ. ލިވަޕޫލުން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން އާސެނަލްގެ ގޯލްކީޕަރު އުމުރުން 28 އަހަރުގެ ލިނޯ މަތަކުރީ ލިވަޕޫލްގެ ޑިވޮކް އޮރިގީ ޖެހި ޕެނަލްޓީ އާއި ހެރީ ވިލްސަން ޖެހި ޕެނަލްޓީ އެވެ.
ރޭ ކުޅުނު މި މެޗުގައި އެއްވެސް ޓީމަކަށް މާ ރަގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި، ލިވަޕޫލަށް އަލަށް ގެނައި ވޮލްވްސްގެ ކުރީގެ ފޯވާޑް ޑިއޮގޯ ޖޯޓާ އާއި ޑިފެންޑަރ ވާޖިލް ވެން ޑައިކް އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އިރު އެ ދެ ހަމަލާވެސް އާސެނަލްގެ ގޯލްކީޕަރު ލިނޯ ވަނީ މަތަކޮށްފަ އެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގައި އާސެނަލް ވާދަކުރާނީ މެންޗެސްޓަރ ސިޓީ އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް