ނެދަލެންޑްސްގެ ކުލަބް އަޔެކްސް އަށް ކުޅެމުން އައި ޒުވާން މިޑްފީލްޑަރ ޑޮނީ ވެން ޑަ ބީކް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.
އުމުރުން އެންމެ 23 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ސޮއި ކުރީ 40 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
އެގޮތުން ވެން ޑަ ބީކް 2025 ވަނަ އަހަރާއި ހަމައަށް ޔުނައިޓުގައި ދެމި ހުންނާނެއެވެ.
2015 ވަނަ އަހަރު އަޔަކްސްގެ ސީނިއާ ޓީމާއި ގުޅުނު ވެން ޑަ ބީކް ވަނީ އެ ކުލަބަށް 118 މެޗު ކުޅެދީ 28 ގޯލް ކާމިޔާބު ކޮށްދީފައެވެ.
ނިމިގެން ދިޔަ ސީޒަނުގައި ވެސް ވެން ޑަ ބީކް ވަނީ އަޔަކްސް އަށް މޮޅު ކުޅުމެއް ދައްކައިދީފައެވެ. އެގޮތުން އޭނާ ވަނީ 10 ލަނޑު ޖަހައިދީ ހަތް ލަނޑު ޖަހަން މަގުފަހިކޮށްދީފައި ވެއެވެ.
ވެން ޑަ ބީކް ޔުނައިޓެޑަށް ސޮއި ކުރި އިރު، އޭނާ ހޯދުމަށް ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކުލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ސްޕެއިންގެ ވަރުގަދަ ދެބާރު ކަމުގައިވާ ރެއާލް މެޑްރިޑް އަދި، ބާސެލޯނާ އިން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.
ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ވެން ޑަ ބީކް ބުނީ ކާމިޔާބު ތާރީހެއް އޮތް ކްލަބަކަށް ބަދަލުވާން ފުރުސަތު ލިބުމުން އިފާވާ ކަމަށާއި، ޔުނައިޓެޑަށް ކަހަލަ ބޮޑު ކުލަބަކުން ފުރުސަތު ފުރުސަތެއް ލިބުމަކީ ފަޚުރެއް ކަމަށެވެ.
“ ޔުނައިޓެޑަށް ބަދަލު ވެވުމުން އުފާކުރަން، މިފަދަ ބޮޑު ކުލަބަކުން ފުރުސަތެއް ލިބުމަކީ ފަޚުރެއް ” ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ބުންޏެވެ.
ވެން ޑަ ބީކް އަކީ އާ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.
އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ ޔުނައިޓެޑުން އަންނަނީ އިތުރަށް ޓީމް ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެޓީމުން މިވަގުތު އެންމެ ބޮޑަށް ފާރަލާ ކުޅުންތެރިޔަކީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފޯވާޑް ޖޭޑަން ސަންޗޯ އަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ ކުޅުން މި މަހުގެ 12 ވަނަ ދުވަހު ފަށާނެއެވެ. އެގޮތުން ޔުނައިޓެޑުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކްރިސްޓަލް ޕެލޭސްއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް