ކްލަބްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ނޭމާ އާއި އެންހެލް ޑި މަރީއާ ކޯވިޑް-19 އަށް ފައްސިވެ (ޕޮޒިޓިވް)، އައު ސީޒަންގެ މެޗުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ޕީއެސްޖީއަށް ބޮޑު ބޮލުރިހުމަކާ ކުރިމަތިވެއްޖެއެވެ. ނޭމާ އާއި ޑި މަރިއާގެ އިތުރުން ލިއޮނާޑޯ ޕަރެޑޭސް ވެސް ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ.
އެ ތިން ކުޅުންތެރިންނަށް މިހާރު ކޮންމެހެން އަޅަންޖެހޭ ސިއްހީ ފިޔަވަޅުތައް އަޅާފައިވާއިރު، ދެން އޮންނާނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން އަތުން 1-0 އިން ބަލިވި މެޗަށްފަހު ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ވެސް މިހާތަނަށް ތިބީ ޗުއްޓީގައެވެ. ފްރާންސް ލީގުގެ މިދިޔަ ސީޒަން ކެންސަލް ކުރުމަށްފަހު އެހެން ލީގުތަކަށްވުރެ އަވަހަށް ފްރާންސް ލީގުގެ އައު ސީޒަން ވަނީ ފަށާފައެވެ. އެހެނަސް، ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައިވާތީ އެ ކްލަބް އޯގަސްޓް 29 ގައި ލެންސް އާ ދެކޮޅަށް ކުޅެން އޮތް މެޗު ލަސްކޮށްފައިވަނީ ކުޅުންތެރިންނަށް އަރާމު ކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީގެ ބައެއް ކުޅުންތެރިންވަނީ ޗުއްޓީގައި ފްރާންސް އިން ބޭރަށް ގޮސް ޗުއްޓީ ހޭދަކޮށްފައެވެ. މިގޮތުން ކޯވިޑް-19 އަށް ފައްސިވި ތިން ކުޅުންތެރިންނަކީ ވެސް ޗުއްޓީ ހޭދަކުރުމަށް ފްރާންސް ދޫކޮށް އެހެން ތަނަކަށް ދަތުރު ކުރި 3 ކުޅުންތެރިންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ތިން ކުޅުންތެރިން ވެސް ޗުއްޓީ ހޭދަކުރީ އެއް މަންޒިލެއްގައެވެ.
ޕީއެސްޖީއަށް އައު ސީޒަންގައި ފުރަތަމަ ކުޅެންޖެހޭ މެޗުކަމުގައިވާ ލެންސް އާ ދެކޮޅަށް ކުޅޭ މެޗު މި ހިނގާ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހަށް މިހާރު ތާވަލު ކޮށްފައިވާއިރު، އެ މެޗު އެ ތާރީޚްގައި ކުޅޭނަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 3 ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް