ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ފްރޮންްޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ...

02 Sep 2020 | 10:20

ކޯވިޑް-19 އާއި ގުޅިގެން ފްރޮންްޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދީފައިވާނީ މާޗް ހަތް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރި މަސައްކަތަށް ކަމަށެވެ. މިހާތަނަށް 2،948 މީހުންނަށް އެ އެލަވަންސް ދޫކޮށްފައިވާ ކަމަށް ބުނެ އެވެ.

ފްރޮންޓްލައިން އެލަވަންސް ދިނުން ހުއްޓުމެއްނެތި ކުރަމުން އަންނަ އިރު މާޗް ހަތަކުން ޖުލައި15 އަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެލަވަންސް ދޭންޖެހޭ 41 މީހަކަށް ދޫނުކުރެވިވާކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 300،000 ރުފިޔާ ކަމަށާއި މި ހަފްތާގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނަށް ކަމަށެވެ.

މީގެ ތެރެއިން ހައި ރިސްކުގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހަކާ ނުވަތަ ހައި ރިސްކު މީހަކާ ނުވަތަ އެ މީހެއްގެ ސާމްޕަލްތަކާ ޑައިރެކްޓް ކޮންޓެކްޓުވާ މީހުންނެވެ. އަދި ހައި ރިސްކު މީހުންނާ އެކު މަސައްކަތް ކުރަން ޖެހޭ މީހުން މީޑިއަމް ރިސްކުގައި ހިމެނޭއިރު ލޯ ރިސްކުގައި ހިމެނޭނީ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކޮށްފައިވާ މީހުންނެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ މީހުންނަށް އެލަވެންސް ދިން ނަމަވެސް މިހާތަނަށް ފުލުހުންނާއި ސިފައިންނަށް ދޭން ޖެހޭ އެލަވެންސް އަދި ނުދެ އެވެ.

ސަރުވަޝް ވިދާޅުވީ އެ އެލަވެންސާ ގުޅިގެން ގޮތެއް ނުނިންމެނީ ކުރިން އެކުލަވާލި އުސޫލަށް ބަދަލު ގެންނަން ޖެހޭތީ ކަމަށެވެ. އަދި އެ މަސައްކަތް ވެސް އަންނަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް