ސުޝާންތު މަރާލި ކަމުގެ ހެއްކެއް ނެތް: އިންޑިއާގެ ސީބީއައި

ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު ސިން ރާޖްޕުޓު ބަޔަކު މަރީލީ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެ މައްސަލަ ތަހުގީގު ކުރާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް ...

02 Sep 2020 | 05:58

ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު ސިން ރާޖްޕުޓު ބަޔަކު މަރީލީ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެ މައްސަލަ ތަހުގީގު ކުރާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފި އެވެ.

ސުޝާންތު ދިރިއުޅޭ ގޭގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ މަރާއި މެދު އާއިލާ އާއި ސަޕޯޓަރުން ސުވާލު އުފައްދައި ބުނަމުން ދަނީ ސުޝާންތު ދަންޖެހިގެން މަރުވެފައިވަނީ ބަޔަކު ކައިރީގައި ތިބެ މަޖުބޫރުކޮށްގެން ކަމަށެވެ.

ސުޝާންތުގެ މަރުގެ ތަހުގީގާއި ގުޅޭގޮތުން ސީބީއައިގެ އޮފިޝަލުންތަކެއް މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި މިހާތަނަށް ތަހުގީގު ކޮށްފައިވާ ހިސާބުން ބަޔަކު އޭނާ މަރާލިކަމަށް ބެލެވޭ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން އެ ޓީމުން ވަނީ ސުޝާންތުގެ ޕޯސްޓްމޯޓަމް ރިޕޯޓުވެސް އަލުން ތަހުގީގު ކޮށްފައި އެވެ. އަދި ސުޝާންތާއި ގުޅުން ހުރި އެތައް ބަޔަކާއި ސުވާލުކޮށްފައިވެ އެވެ.

ސީބީއައިއިން މި މައްސަލަ ތަހުގީގު ކުރަން ފެށީ ބަޔަކު ސުޝާންތު މަރާލީ ކަމަށް ބަލައިގެންނެވެ. ސީބީއައިގެ މައްޗަށް ސުޝާންތު މަރުގެ މައްސަލަ ތަހުގީގު ކުރަން އަމުރު ކުރީ އިންޑިއާގެ ސުޕްރީމް ކޯޓުންނެވެ.

ސުޝާންތުގެ މަރާއި އެންމެ ބޮޑަށް ގުޅުވަމުން ދަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާއި އެވެ. އެކަމަކު އެ ފަރާތްތަކުން އެކަން ދޮގު ކޮށްފައިވާއިރު މަޝްހޫރު ބައެއް ޑައިރެކްޓަރުން ދަނީ އެމީހުންނަށް ސުޝާންތާއި މެދު އަމަލު ކުރެވުނީ ރަނގަޅަށް ނޫންކަމަށް ބުނަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޮލީވުޑްގައި ސުޝާންތު ބޭނުންވާ ވަރުގެ ކުރިއެރުމެއް ނުލިބުނީ ބައެއް ޑައިރެކްޓަރުން އޭނާއަށް ފިލްމުތައް ލިބުމާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާތީ އެވެ.

ސުޝާންތު މަރުވުމާއި ގުޅިގެން މުމްބާއީ ފުލުހުންގެ ތަހުގީގުގައި ބުނެފައިވަނީ ސުޝާންތު މަރުވެފައިވަނީ ކަރަށް ބާރުވެގެން ކަމަށެވެ. އަދި އޭނާ ހަ މަސް ދުވަސް ވަންދެން ޑިޕްރެޝަނަށް ފަރުވާ ހޯދާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް