ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހެޅި ކުންފުުނިތަކުން ދެއްކިި ރެޖިސްޓްރޭޝަން ފީ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯވިޑް-19 އާއި ގުޅިގެން މީހުން ގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސައުދީން ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ ސައުދީގައި ތިބި ގައުމުތަކުގެ މީހުންނަށެވެ.
އެ ފުރުސަތު ސައުދީގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ލިބިފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ފަހުވަގުތު ލިބުނަސް މީހުން ފޮނުވާނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު ލިބިފައި ނުވާއިރު ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކުން ދެއްކި ރެޖިސްޓްރޭޝަން ފީއާއި މެދު މިހާތަނަށް އޮތީ ވަކި ގޮތެއް ނުނިންމައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ފައިސާ އަނބުރާ ކުންފުނިތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ.
ހައްޖަށް މީހުން ގެންދަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 10،000 ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅައި ފީ ދައްކާފައިވާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް މިނިސްޓްރީން އެ ފަރާތްތަކަށް ގުޅައި އަންގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް