ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ޔަމަނުގެ ޔާސިރު މަރުވެއްޖެ

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނު މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ މިއަދު މަރުވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. ކަރެކްޝަންސުން ...

02 Aug 2020 | 15:30

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނު މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ މިއަދު މަރުވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސުން ބުނީ، އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ކޮންޓްރޯލާރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާ މަރުވެފައިވަނީ މިއަދު ހަވީރު 4:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

ޔާސިރަށް މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން އޭނާގެ ހާލުދެރަވެގެންނެވެ. މީގެ ކުރިންވެސް އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކޮށްފައިވެ އެވެ.

ޔާސިރުގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ވެސް މިދިޔަ މަހު ވަނީ ފަރުވާ ދީފައެވެ. އަދި ކަރެކްޝަންސުން އޭރު ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކައިވެންޏެއް ކޮށްގެން އުޅެމުން އަންނަނިކޮށް ޔާސިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދޫކޮށްލާފައި ހުރެއްޖެނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީއެވެ.

ޔާސިރުއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ. ސަރުކާރު ބަދަލުވުމުންވެސް އޭނާ ދޫކޮށްލަން ދެކޮޅު ހެދީ ޓެރަރިޒަމާއި ގުޅުން ހުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށް ވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް