ކޯވިޑް-19 ޖެހިގެން ރޭ މަރުވި ދިވެހި އަންހެން މީހާގެ އާއިލާއިން އޭޑީކޭ ހޮސްޕިޓަލާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ރޭ މަރުވީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ނޭވާލާން އުނދަގޫ ވެގެން އިއްޔެ އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދަނިކޮށެވެ.
އޭނާ މަރުވުމާއި ގުޅިގެން ދެކެވުނު ވާހަކަތާއި ގުޅޭގޮތުން އާއިލާ މީހަކު ފޭސްބުކްގައި ބުނެފައިވާގޮތުގައި އެމީހާ އަކީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުންދާ ކޯވިޑ ޖެހިއްޖެ ނަމަ ހައި ރިސްކު ކެޓަގަރީގެ މީހެއްކަން އެންމެ ރަނގަޅަށް އެނގޭނީ އެ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. އެއީ އެ މީހާއަކީ އޭޑީކޭއިން ފަރުވާ ހޯދަމުން އައި މީހަކަށްވާތީ ކަމަށް ބުނެފައިވެ އެވެ.
އެ އަންހެން މީހާ މީގެ ހަފްތާއެއް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކީ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށް ބުނެފައިވެ އެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އެއީ ޔޫރިން އިންފެކްޝަނެއްކަމަށާއި ބޭސް ދިނުމަށް ފަހު ގެއަށް ދޫކޮށްލީ ކަމަށެވެ.
އަދި އާއިލާއިން އެތައް ފަހަރު ކޯވިޑަށް ޓެސްޓު ކޮށްދިނުމަށް އެދުނު ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ހޮސްޕިޓަލުން އެކަމަށް އެއްބާރުލުން ނުދިނުމުގެ އިތުރުން ކޯވިޑަށް ޓެސްޓު ކޮށްދީފައި ނުވާކަމަށް ބުނެފައިވެ އެވެ.
އާއިލާ މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުގައި ހަފްތާއެއް ވީއިރުވެސް ރަނގަޅު ނުވުމުން އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައިސް ނޭވާލާން އުނދަގޫވާން ފެށުމުން އިއްޔެ ކަމަށެވެ. އޭނާ ބުނީ އައިޖީއެމްއެޗަށް ގެންގޮސް ކޯވިޑަށް ޕޮސިޓިވްވުމާއި އިތުރަށް ހާލު ގޯސްވެ ވެންޓިލޭޓަރަށް ލުމާއި މަރުވުމާއި ދެމެދު ގިނަ އިރުތަކެއް ހޭދަވެފައި ނުވާ ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި ދައްތަ ބަލިވުމުން ފަރުވާ ހޯދާފައި ނުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކައެކެވެ. އަދި ވަކި ބަޔަކަށް އިނގިލި ދިއްކޮށްގެން ކުރާނެ ފައިދާއެއް މިހާރު ނެތް ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް