މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 169 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން ބުނީ، ޑަނިންގް ޕޮލިސީގެ ދަށުން މިހާތަނަށް 64 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި ރިމައިންޑާ ކޯލްސް އާއި އީ-މެއިލް މެދުވެރިކޮށް ކުރި މަސައްކަތުން 71 މިލިއަން ރުފިޔާ ހޯދުނު ކަމަށާއި، ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީގެ ދަށުން ދެ މިލިއަން ރުފިޔާ ހޯދުނު އިރު ޑިއުޒް ކްލިއަރަންސުގެ ގޮތުގައި 31 މިލިއަން ރުފިޔާ އެ އޮތޯރިޓީން ހޯދައިފައިވާނެ ކަމަށެވެ.
އެ އޮތޯރިޓީއިން އިތުރަށް ބުނީ، އޮޑިޓް އަދި އިންވެސްޓިގޭޝަންގެ ގޮތުގައި 140 އޮޑިޓް ކޮށްގެން 114 މިލިއަން ރުފިޔާ ހޯދި ކަމަށެވެ. މިގޮތުން 60 ފަރާތެއްގެ އަތުން ޖީއެސްޓީގެ ގޮތުގައި 42 މިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 14 ފަރާތެއްގެ އަތުން ފަސް މިލިއަން ރުފިޔާ ހޯދާފައިވާއިރު، 33 ފަރާތަކުން ވަނީ ޓެކްސް ދައްކަން އިއުތިރާޒުކޮށްފަ އެވެ. އޭގެ ތެރެއިން 13 މައްސަލައެއް ހައްލު ކުރި އެވެ.
ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން 31،738 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. ޓީޖީއެސްޓީ އަށް 2،086 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވަނީ 12،343 ފަރާތެކެވެ.
ނުލިބި ހުރި ފައިސާ ހޯދަން މީރާއިން ކުރާ މަސަައްކަތުގެ ދަށުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 169.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް