މާލޭގައި މާދަމާ ހުކުރު ނަމާދު ނުކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ޖަމާއަތުގައި ހުކުރު ނަމާދު ނުކުރާގޮތަށް ނިންމީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. މިނިސްޓްރީން ބުނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި އިންސާނުންްގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭ ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރު ނަމާދު ނުކުރަން ނިންމި މައިގަނޑު އަސްލާއި ގުޅޭގޮތުން ބުނެފައިވަނީ ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތެއް ކަމަށެވެ. ކޯވިޑް-19 އިން އަރައިގެންނަމުންދާ މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ތަދްރީޖީ ގޮތެއްގައި އާންމު ހާލަތަށް ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށް ވާތީއާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށެވެ.
މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި ވަނީ ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް މިނިސްޓްރީން ބުންޏެވެ.
ހުކުރު ނަމާދު ޖަމާއަތުގަައި ނުކުރަން ނިންމި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ގާއިމުކުރުމުގެ ނިއުމަތް ފަހިވެފައިވާތީ، އެކަމަށް ޝުކުރުކޮށް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށާއި، ފަރުޟު ނަމާދުތައް ގާއިމުކޮށް، ހެޔޮއަމަލު ގިނަކޮށް ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރުމަށް ދުއާކުރުން މަތީ ދެމިތިބުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތްހެދުން މާޗު 18 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ފަހު ޖަމާއަތުގައި ނަމާދު ކުރަން ފެށީ އިއްޔެ އެވެ. މާލެ ސިޓީގައި ނޫން ހުރިހާ ރަށެއްގައި މާދަމާ ހުކުރު ނަމާދު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް