އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރާއްޖެ ގަޑިން 00:15 ގައި ޕްރިމިއާ ލީގުގެ މި ސީޒަންގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ލިވަޕޫލް އާއި ފާއިތުވެ ދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަވެރި ކުރިމަތިލުމަކަށް ނުކުންނާނެއެވެ.
ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ، ލިވަޕޫލް ލީގު ކަށަވަރު ކުރަން ނުކުންނަ މެޗަށް ވާނީ ކުރީގެ ޗެމްޕިއަން އާ ދެކޮޅަށް މިރޭ އެތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުކަމަށެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ޗެލްސީ އަތުން ސިޓީ ބަލިވުމާއެކު، ލިވަޕޫލްއަށް ވަނީ ލީގު ކަށަވަރުވެފައެވެ. ބާކީ 7 މެޗު އޮއްވައެވެ. އެހެނަސް، މިރޭގެ މެޗުގެ ފޯރި ކުޑަ ނުވާނެކަން ކަށަވަރެވެ. އެހެންކަމުން، މި ބަލައިލަނީ އިނގިރޭސި ޕްރިމިއާ ލީގުގައި، ކޯވިޑް-19 އާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވާނެކަމަށް ބެލެވޭ މެޗާ ގުޅުންހުރި ބައެއް މަޢުލޫމާތުތަކަށެވެ.
ދެ ޓީމުގެ އެންމެ ފަހުގެ ކުރިމަތިލުންތަކުގެ ނަތީޖާ:
ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން ދެ ޓީމަށް ވެސް ކާމިޔާބު ކުރެވިފައިވަނީ 2 މެޗެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ފާއިތުވި ސީޒަންގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 0-0 އިން އެއްވަރު ވެގެން ނިމުނުއިރު، ސިޓީގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ސިޓީއެވެ. މި ސީޒަންގައި މި ދެ ޓީމު ކުރިމަތިލި ފުރަތަމަ މެޗުން ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. އެ މެޗު އެންފީލްޑްގައި ކުޅުނުއިރު، މިރޭގެ މެޗު ކުޅޭނީ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.
މި ދެ ކްލަބްގެ އެންމެ ފަހުގެ ކުރިމަތިލުންތަކުގެ ނަތީޖާތައް ދާދި ހަމަހަމަކޮށް ހުރިއިރު، ކޯވިޑް-19 ބްރޭކަށްފަހު ލިވަޕޫލް މިހާތަނަށް ކުޅުނު 2 މެޗުގެ ތެރެއިން އެވާޓަން އަތުން އެއްވަރުވެ، ކްރިސްޓަލް ޕެލެސް އަތުން ވަނީ 4-0 ގެ ބޮޑު މޮޅެއް ހޯދާފައެވެ. ސިޓީއަށް ބަލާއިރު، އަލުން ލީގު ފެށިފަހުން އެ ޓީމުން މިހާތަނަށް 4 މެޗު ކުޅެފައިވެއެވެ. އޭގެ ތެރެއިން ޗެލްސީއަތުން 2-1 އިން ބަލިވި މެޗު ފިޔަވާ އެހެން ހުރިހާ މެޗެއް ވެސް ސިޓީން ވަނީ ކާމިޔާބު ކޮށްފައެވެ.
އެހެންކަމުން، މި ސީޒަންގައި ދެ ކްލަބްގެ ޕޮއިންޓް ފަރަގު ކިތަންމެ ބޮޑަސް، ބާކީ 7 މެޗު އޮއްވާ ލީގު ތަށި ކަށަވަރު ކުރުމުގެ ސަޅި ރެކޯޑެއް ލިވަޕޫލުން ހެދިޔަސް، މިރޭގެ މެޗު ލިވަޕޫލްއަށް ފަސޭހަ ނުވާނެކަން ކަށަވަރެވެ. ޚާއްސަކޮށް 30 އަހަރަށްފަހު ލީގު ހޯދި ލިވަޕޫލް، ލީގު ކަށަވަރުވުމަށްފަހު ކުޅޭ ފުރަތަމަ މެޗުގައި، ސިޓީގެ ދަނޑުގައި ސިޓީ ބަލިކޮށް އުފާފާޅުކުރާތަން ބަލަން ސިޓީން ބޭނުމެއް ނުވާނެއެވެ. ލިވަޕޫލްއަށް އޮތީ ވަރުގަދަ އިމްތިހާނެކެވެ.
މެޗާ ގުޅުންހުރި 2 ޓީމުގެ އެންމެ ފަހުގެ އަދާހަމަތައް:
މިރޭގެ މެޗަށް ނުކުންނައިރު ސިޓީއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލައެވެ. އެ ޓީމުގެ އެންމެ ވަރުގަދަ ފޯވާޑު ސާޖިއޯ އަގުއޭރޯއަށް އަނިޔާގެ ސަބަބު މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އެރިކް ގާސިއާ އާމެދުގައި ވެސް ޝައްކު އުފެދޭއިރު، ޗެލްސީއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ހޯދި ފެނާންޑީނޯއަށް ސަސްޕެންޝަނުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
ލިވަޕޫލްއަށް ބަލާއިރު، އެ ޓީމުގެ ފުރަތަމަ 11 ގައި އާންމުކޮށް ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަނިޔާގައި ހުރީ މަޓިޕްއެވެ. މީގެ އިތުރުން، ބެންޗުން އަރާ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސަގީރީ އާއި ޖޭމްސް މިލްނާއަށް ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
ލިވަޕޫލްއަށް 30 އަހަރަށް ފަހު ލީގު ކަށަވަރުވީ އެ ކްލަބް ކުޅުނު މެޗަކުން ކަމަށް ނުވާތީ، އެންމެ ފަހުގެ ޗެމްޕިއަނުން އަތުން މޮޅުވެގެން ލީގު ލިބުމުގެ އުފާފާޅުކޮށްލަން ތިބޭނީ ކެތްމަދުވެފައެވެ. ފެންނަންހުރި ނަތީޖާތަކާއި، ހާލާތަށް ބަލާއިރު، މިރޭ އެ ނަތީޖާ ނެރެވޭނެކަން ނުވަތަ ނޫންކަން ބުނަން ވަރަށް ދައްޗެވެ. ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް