ކޯވިޑް-19 އާއި ގުޅިގެން އިޖްތިމާއީ ގައިދުރު ކަމަށް ބާރު އެޅުމުގެ ގޮތުން އޮންލައިންކޮށް ޗެކިން ވެވޭގޮތަށް މޯލްޑިވިއަންއިން ހަމަޖައްސައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން އެ އެއާލައިންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތަކުގައި ދަތުރު ކުރަން ހަމަޖެހިފައިވާ ފަރާތްތަކަށް އޮންލައިންކޮށް ޗެކިން ވެވޭނެ ކަމަށެވެ. އޮންލައިންކޮށް ޗެކިން ވުމުން ބޯޑިން ޕާސް އެމީހަކަށް އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.
ޑޮމެސްޓިކް ދަތުރުތަކަށް ފްލައިޓު އޮންނަ ގަޑީގެ12 ގަޑިއިރު ކުރިން ފެށިގެން އޮންލައިންކޮށް ޗެކިންވެވެ އެވެ. އަދި އޮންލައިންކޮށް ޗެކިންވުން ބަންދުވާނީ ފްލައިޓު ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން ކަމަށް ބުނެ އެވެ.
އިންޓަނޭޝަނަލް ފްލައިޓުތައް އޮންނަ ގަޑީގެ48 ގަޑިއިރު ކުރިން ފެށިގެން އޮންލައިންކޮށް ޗެކިންވެވެ އެވެ. އެ ފްލައިޓުތަކުގައިވެސް އޮންލައިން ޗެކިން ބަންދުވާނީ ފްލައިޓު އޮންނަ ގަޑީގެ ހަތަރުގަޑި އިރު ކުރިންނެވެ.
ދަތުރު ކުރާ ފަރާތްތަކުން ލަގެޖާއި އެކު އެއާޕޯޓަށް ދާންޖެހެނީ ފްލައިޓު އޮންނަ ގަޑީގެ އެއްގަޑިއިރު ކުރިންނެވެ. ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބޯޑިން ޕާސްގައި ފްލައިޓުން ލިބޭ ކަމަށް ޖަހާ ވަކިވަކި ސީޓުތައް އެހެން ސީޓުތަކަށް ބަދަލު ކުރުމުގެ ބާރު އޮންނާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.
މޯލްޑިވިއަން އިން ބުނީ އީމެއިލް މެދުވެރިކޮށް ލިބޭ ބޯޑިން ޕާސް ޕްރިންޓުކޮށް އޭގައިވާ މައުލޫމާތު ރަނގަޅަށް ކިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މޯލްޑިވިއަންއިން ދަތުރު ކުރާ ފަރާތްތަކުން އޮންލައިންކޮށް ޗެކިން ވުމަށް ވަންނަން ވަކި ލިންކެއް ވަނީ ހަމަޖައްސާފައި އެވެ. https://maldivian.aero/plan-and-book/online-check-in.html
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް