ރާއްޖެން ފަރުވާ ދެވެން ނެތިގެން އިންޑިއާއަށް މީހުން ގެންދާ ދެވަނަ ފްލައިޓުގައި ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ލިސްޓުގައި ހިމެނޭ ހުރިހާ އެންމެން ގެންދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމިން ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތް80 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން28 މީހަކު އިންޑިއާގެ ކޮޗިންއަށް ގެންގޮސްފައި އެވެ.
އެ ދަތުރުގައި37 މީހަކު ގެންދިއުމުގެ ހުއްދަ ލިބުނު ނަމަވެސް އެކި ސަބަބުތަކާއި ހެދި ނުވަ މީހަކު ނުދެ އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ބަލި މީހުން އިންޑިއާއަށް ގެންދިއުމަށް އިތުރު ފްލައިޓެއް އިންޑިއާއަށް ދިއުމުގެ ހުއްދަ އެ ގައުމުން ދީފައިވާ ކަމަށެވެ. އަދި އެ ފްލައިޓު ބާއްވާނެ ތާރީހެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަމުންދަނީ އާސަންދަ ކުންފުންޏާއި ފޮރިން މިނިސްޓްރީ ގުޅިގެންކަން ފާހަގަ ކުރައްވާ އަމީް ވިދާޅުވީ ކޮންމެހެން ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ލިސްޓުގައި އަދިވެސް50 މީހުން އެބަތިބި ކަމަށެވެ. އަދި އެ އެންމެން މިހާރު ހަމަޖެހިފައިވާ ފްލައިޓުގައި ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރަށް ކޮންމެހެން ގެންދަން ޖެހޭ މީހުންގެ ތެރޭގައި ގިނައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. މި މީހުން ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވަނީ ދެ މަހެއްހާ ދުވަސްވަންދެން ދިވެހި ސަރުކާރުން މަސައްކަތް ކުރި ފަހުންނެވެ.
ރާއްޖެއިން ފަރުވާ ދެވެން ނެތިގެން ގެންދާ މީހުންނަށް ފަރުވާ ދެމުންދަނީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގައި އެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 މިހާރު ފެތުރެމުންދާ އެއް ގައުމަކީ އިންޑިއާއެވެ. އެހެންވެ އިންޑިއާގައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުކަށިފިޔަވަޅުތަޅެއް އަޅާފައި އެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިހާތަނަށް އިންޑިއާގައި ފަސް ލައްކައަށްވިރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި16 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް