ސިލްސިލާ ވާހަކަ: ޒާރާ – ސޯޅަވަނަ ބައި

'' ތި ސޫރަވަނީ އަހަރެންގެ ހިތުން ޖާގަ ހޯދާފައި.... ޒާރާ، އަހަރެން ޒާރާދެކެ ވަރަށްބޮޑަށް ލޯބިވަން.......'' އަޑު އަހާނެ މީހަކު ނެތް ނަމަވެސް އިމްރާނުގެ ހިތުގެ އަޑު ދުލުން ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެ...

02 Jul 2020 | 06:53

'' ތި ސޫރަވަނީ އަހަރެންގެ ހިތުން ޖާގަ ހޯދާފައި.... ޒާރާ، އަހަރެން ޒާރާދެކެ ވަރަށްބޮޑަށް ލޯބިވަން.......'' އަޑު އަހާނެ މީހަކު ނެތް ނަމަވެސް އިމްރާނުގެ ހިތުގެ އަޑު ދުލުން ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ދުރަށް ހިންގަމުންދާ އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ޒާރާގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ މޫނުމަތިން ފެންނަނީ އިންތިހާ ލޯތްބާ ކުލުނުން ފުރިފައިވާ އަސަރުތަކެކެވެ. ލޮލުގައި ވިދަމުންދާ ކަރުނަ އިން ދޭހަވަނީ ޒާރާދެކެ އިމްރާން ވަމުންދާ ހަޤީޤީ ލޯބީގެ ގަދަފަދަ ކަމެވެ. މާޔޫސް ކަމުގައި އިސްދަށަށް ޖަހާލެވުނީ ޒާރާ ކަންތައް ކުރިގޮތުން ހިތަށް ލިބުނު ބަޔާން ނުކުރެވޭ ވޭނެއްގެ ސަބަބުންނެވެ.

އާދިލްގެ އުފަންދުވަހުގެ ހަދިޔާ ލިބުމަށްފަހު އާދިލް ގުޅާނެ ވަގުތަކަށް ޒާރާ އިންތިޒާރު ކުރަމުންދިޔައީ ކެތްތެރިކަމެއް ނެތިއެވެ. ގަޑީގެ ސިކުންތު ކަށި ބުރުޖަހާލެއް ލަސްކަމުން އެތަށްފަހަކު ހިތާހިތުން ޝަކުވާ ކުރެވިއްޖެއެވެ. އެނދުގައި އޮށޯވެލައިގެން އޮވެ އާދިލްގެ ހަނދާންތަކުގެ ތެރެއަށް ގެނބިފައިވާ ޒާރާއަށް ސިހުން ލިބުނީ ފޯނު އެލާމު ވުމުންނެވެ. ސްކްރީން ގައި ލިޔެވިފައި ވަނީ ''އާދިލްގެ އުފަންދުވަސް'' މިހެންނެވެ. އުފަންދުވަސް ފެށުމުގެ ފަނަރަ މިނެޓް ކުރިން ޒާރާ ރިމައިންޑާ ސެޓްކުރީ އެއްގޮތަކަށްވެސް ހަނދާން ނެތިދާނެތީއެއް ނޫނެވެ. އެހެންނަމަވެސް އެ ވަގުތަށްޓަކައި ކުރެވޭ އިންތިޒަރެއްގެ ބޮޑުކަމުންނެވެ.

ގަޑީގެ ކަށި ބާރަޖެހުމާ ގާތްވަމުން ދިޔަދިޔަހެން، ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުންދާ ޒާރާގެ ހިތް އަވަސްވަމުންދިޔައެވެ. އާދިލް އަށް މާބޮނޑިއާ ހަދިޔާ ލިބުމުން އުފާވާނެވަރު ޒާރާއަށް އިހްސާސް ކުރެވެއެވެ.

ގަޑިން ބާރަ ޖަހައިފިއެވެ. ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އަންނާކަށް ދެން ގިނައިރެއް ނެތްކަން ޒާރާއަށް އެނގެއެވެ. މޭތެޅެމުން ދިޔައިރު އާދިލް އަށް އެފަދަ ސަޕްރައިޒެއް ލިބުމުން އޭނާ ހިތްއަވަސްވެ އުފާވާނެވަރު ޒާރާއަށް ސާފުކޮށް އެނގެއެވެ. ހިތާހިތުން އުފާކުރަމުން ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ފޯނަށް ބަލަން އިނދެ އޭނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ކޮންމެ ސިކުންތެއް އެތައް މިނިޓެއްފަދައެވެ.

ފޯނު ވައިބްރޭޓް ވާން ފެށުމުން ޒާރާގެ ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. ސްކްރީންގައި ވަނީ އާދިލްގެ ނަމެއް ނޫނެވެ.

''ޝާފީ...ކޮބާ ދިމާވިތަ؟....ދީފިންތަ؟....ކީކޭ ބުނީ....ނުވެސް ގުޅާ....'' އެއްފަހަރާ ހުރިހާ ސުވާލެއް ޒާރާ އަށް އަމުނާލެވުނުގޮތުން، އޭނާގެ ހިތްއަވަސްވެފައިވާ މިންވަރު ހާމަވެއެވެ. ޝާފީގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަމަހިމޭން ކަން ޝާފީ އިޚްތިޔާރު ކޮށްފައިވާ ސަބަބެއް ޒާރާ އަކަށް ނޭނގުނެވެ. އެ ހަމަހިމޭންކަން ޒާރާ ހާސްކުރުވަން ފަށައިފިއެވެ.

''ޝާފީ.... ކީއްވެތަ ވާހަކަ ނުދައްކަނީ....." ޒާރާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޮބި ނޯންނަ ވަރަށެވެ. އެހެންނަމަވެސް އޭނާގެ ހަވަނަ ހިއްސު ދިން ސިގްނަލެއްގެ ސަބަބުން އަވަސްވަމުންދިޔަ ހިތުގެ ވިންދަށް ލުއިކަމެއް ލިބުނެވެ. އާދިލް ގެ ރޭވުމުގެ މަތިން ޝާފީގެ ފޯނުން އާދިލް ގުޅީކަމުގައި އޭނާއަށް ހީކުރެވުމާއެކު ލަދުރަކި ހިނިތުންވުމެއް ދެތުންފަތުގައި ކުޅެލިއެވެ. އެތަނުގައި ދެވަނަ މީހަކު ނެތް ނަމަވެސް ލަދުން އިސްޖަހާލެވުނެވެ.

''ޝާފީ ނޫންކަން އެނގޭ... ދެން މާ ފޮނި ނުވެ ވާހަކަ ދައްކަންވީ.... '' ޒާރާ ސިއްރުން ބުނެލިއެވެ.

''ޒާރާ....'' އާދިލްގެ އަޑު އަހަން ކެތްމަދުވެފައިވާ ކަންފަތަށް އިވިގެންދިޔައީ އާދިލްގެ އަޑެއް ނޫނެވެ. ޝާފީގެ ކަންބޮޑުވެފައިވާ އަޑުގައިވަނީ ހާސްކަމެވެ.

''އާދިލް ..... ޒާރާ .... އާދިލް ..........'' ޝާފީ އަކަށް ނުބުނެވުނެވެ. ޝާފީ އެ ބުނަންއުޅޭ އެއްޗެއް އަހާލުމަށްޓަކައި ޒާރާ ވަނީ ކެތްމަދުވެފައެވެ.

''ކީކޭ ޝާފީ.... ކިހިނެތްވީ.....'' ޒާރާ ސުވާލު ތަކުރާރު ކޮށްލިއެވެ.

''އާދިލް އަށް ހަދިޔާ ރައްދެއް ނުކުރެވުނު..'' ޝާފީގެ އަޑުގައިވަނީ ހިތާމައާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

''ނުގުޅުނީތަ؟.... އޭނާ ބިޒީވީކަން ނޭނގެ.... ފުލުހުންނަކަށް ނޯންނާނެ ހަމަޖެހިލައިގެން އުފަންދުވަސްވެސް ފާހަގަކޮށްލެވޭކަން.... ހަދިޔާ ނުދެވުނަސް އަދި ތިޔަހާ ދެރަވާކަށް ނުވެއެއްނު.... ބާއްވާ.... އާދިލް ބިޒީ ފިލީމަ ގުޅާނެ...'' ޒާރާ ހަމަޖެހިލަމުން ޝާފީ އަށް ވިސްނައިދިނެވެ. ޝާފީ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެ ހަމަހިމޭންކަން ޒާރާއަކަށް ކަމަކު ނިދިޔައެވެ. އެކަމުން ޒާރާއަށް އުނދަގޫ ވާންފަށައިފިއެވެ. ހިތް ބިރުގަންނަން ފަށައިފިއެވެ. ނޭނގޭ ބިރުވެރިކަމެއްގެ ރަނގަބީލެއް ސިކުނޑީގައި ޖެހެންފަށައިފިއެވެ.

''ޝާފީ....ވާހަކަދައްކަބަލަ.......'' ޒާރާ އަކަށް ކެތެއް ނުކުރެވުނެވެ.

''ދާދި ދެންމެ ހިނގި އެކްސިޑެންޓެއްގައި އާދިލްއަށް ވަރަށްބޮޑަށް އަނިޔާވެއްޖެ..... މިވަގުތު އޭނާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން..... އާސިމް ގުޅާފަބުނީ އާދިލްގެ ބޮލަށް...'' ޒާރާގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ ޝާފީގެ ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށެވެ.

ޒާރާގެ މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. ހުރި ދިމާލުން ތަޅުންމަތީގައި އިށީނދެވުނީ ގައިން ވަރު ދޫވާގޮތް ވުމުންނެވެ. ލޯކުރިމަތިން ސިފަވަމުން ދިޔައީ ލެއިން ކަޅިވެފައިވާ އާދިލްގެ ހަށިގަނޑެވެ. ހަށިގަނޑުގެ އެތަން މިތަން ބެންޑޭޖްކޮށްފައިވާ އާދިލްގެ ހަށިގަނޑު އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުންދާ މަންޒަރު ލޯކުރިމަތިން ފެންނަން ފެށިކަހަލައެވެ.  ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މުޅިބޯ އެއްކޮށް ބެންޑޭޖްކޮށް އަނގައާއި ނޭފަތަށް އެތަށް ބައިވަރު ހޮޅިއެއް ގުޅާފައިވާ މަންޒަރު އެތަށް ގޮތަކަށް ސިފަކުރެވެން ފެށިއެވެ. ޒާރާ ދެލޯމަރާ ބާރުކޮށްލީ ލިބުނު ހިތްދަތިކަމަށް ކެތް ނުކުރެވިގެންނެވެ. ތުރުތުރު އަޅާ އަތަކުން ތަޅުން މައްޗަށް ވެއްޓިފައިވާ ފޯނު ނެގިއެވެ. ޑިސްޕްލޭ މަތީގައި އަޅާފައިވާ ބިއްލޫރިގަނޑު ދެތިން ތަނަކުން ތަޅައިގެން ގޮސްފައިވީ ނަމަވެސް އެހެން ގެއްލުމެއް ފޯނަށް ލިބިފައިވާހެނެއް ހިޔެއް ނުވެއެވެ.

ކަންބޮޑުވުމާ ހާސްކަމުގެ ސަބަބުން ޒާރާގެ އަތްފައި ވަނީފިނިވެފައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. އާދިލްގެ ނަމްބަރަށް ޒާރާ އެތައް ފަހަރަކު ގުޅައިފިއެވެ. އެ ފޯނު އޮތީ ނިއްވާލާފައެވެ. ޝާފީގެ ފޯނަށްވެސް ޒާރާ ގުޅިއެވެ. ޝާފީ ފޯނު ނުނެގުމުން ޒާރާގެ އުދާސްކަން އިންތިހާއަށް ބޮޑުވިއެވެ. މީހާ ހާސްވެ ނޭވާ ކުރުވާން ފެށިއެވެ. ޒާރާ އަކީ އެންމެ ތުއްތު އިރުއްސުރެވެސް ކަންތައްތަކާ ކަންބޮޑުވެ ހާސްވުމުން އަބަދުވެސް ނޭވާ ލާން އުނދަގޫވާ ކުއްޖެކެވެ. ސަބަބެއް އަދި ހޯދިފައި ނެތީ އެކަމަށް އެހާބޮޑު ސަމާލުކަމެއް ދެވިފައި ނުވާތީއެވެ.

ދަންނަ އެތައް ބަޔަކަށް ޒާރާ ގުޅައިފިއެވެ. އާދިލްއާ ބެހޭ އެއްވެސް ކަމެއް އޮޅުންފިލާގޮތެއް ނުވިއެވެ. ވަގުތުތައް ހާސްކަމާ ހިތްނުތަނަވަސްކަމާއެކު ވޭތިވަމުންގޮސް މެންދަމުން އަލިވެ 2 ޖަހާ ބޮޑުވެއްޖެއެވެ. ހޮސްޕިޓަލުގެ އިމަޖެންސީރޫމަށް ޒާރާ އަށް ގުޅުނު އަދަދެއް ޚުދު ޒާރާ އަކަށް ވެސް ނޭނގެއެވެ. ދެފަހަރަކު ފޯނު ނެގިނަމަވެސް ކަމެއް އޮޅުންފިލާގޮތެއް ނުވިއެވެ. އެންމެ އުންދަގޫވި ކަމަކީ އާދިލް އަށް ފަރުވާދިނުމަށްޓަކައި ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަން އޮޅުން ފިލާފާއި ނުވާތީއެވެ.

އެތައް ވަގުތުގެ ބުރަ މަސައްކަތަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޒާރާގެ ރައްޓެއްސަކާ ގުޅާލެވުމަށްފަހު އާދިލް އަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަން އޭނާއަށް އެނގުނެވެ. ލިބިފައިވާ ގެއްލުންތައް އެންމެ ފުރިހަމައަށް އޮޅުން ނުފިލިނަމަވެސް، ހާލު ސީރިއަސްކަން އެނގުނު ހިސާބުން ޒާރާގެ ހަށިގަނޑުބެ ބާރު ދޫވެ ބޮލަށް އެނބުރުންއަރާ އަރިއަޅާލިއެވެ. އެވަގުތު ހިމާޔަތަށް ހުރާލެވުނު އަތުން، ހިފަހައްޓާލެވުނީ ގާތުގައިހުރި ސައިޑް ޓޭބަލްމަތީގައި ބަހައްޓާފައިވާ ބިއްލޫރި ގުލްދަސްތާގައެވެ. ދަންވަރުގެ ހަމަހިމޭން ކަމުގެ ތެރެއިން އެ ގުލްދަސްތާ ވެއްޓި ކުދިކުދިވި އަޑާއެކު ޒާރާގެ ހަށިގަނޑުވެސް ތަޅުންމައްތީގައި އެއްވެސް ހަރކާތެއްނެތި ހަމަހިމޭން ވެއްޖެއެވެ.

ނުނިމޭ – ހަތެއް ޖުލައި، ވާ އަންގާރަ ދުވަހަށް އިންތިޒާރުކޮށްލައްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް