ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ވެސްޓް ހޭމް އަށް ޗެލްސީ އަތުން މުހިންމު މޮޅެއް

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު ޕްރިމިއާ ލީގުގެ މެޗުގެ ފަހު ވަގުތުކޮޅު އެންޑްރީ ޔާމޮލެންކޯ ކާމިޔާބު ކޮށްދިން ލަނޑާއެކު، 3-2 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށް، ޕްރިމިއާ ލީގުގައި ދެމި އޮތުމަށް ކުރާ މަސައް...

02 Jul 2020 | 05:27

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު ޕްރިމިއާ ލީގުގެ މެޗުގެ ފަހު ވަގުތުކޮޅު އެންޑްރީ ޔާމޮލެންކޯ ކާމިޔާބު ކޮށްދިން ލަނޑާއެކު، 3-2 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށް، ޕްރިމިއާ ލީގުގައި ދެމި އޮތުމަށް ކުރާ މަސައްކަތުގެ އުންމީދު ވެސްޓް ހޭމް އިން އާކޮށްފިއެވެ.

ރޭގެ މޮޅާއެކު ވެސްޓް ހޭމް މި ވަގުތު އޮތީ ރެލިގޭޝަން ޒޯނުން ބޭރުގައެވެ. އެ ޓީމު ތާވަލުގެ 16 ވަނައަށް ޖެހިލިއިރު، ރެލިގޭޝަން ޒޯނުގައި އޮތް 3 ޓީމުގެ ތެރެއިން 18 ވަނައިގައި އޮތް އެސްޓަން ވިލާ އަށްވުރެ އިތުރަށް 3 ޕޮއިންޓް ވެސްޓް ހޭމް އަށް ލިބިފައިވެއެވެ. އަނެއްކޮޅުން ރޭގެ މެޗުން ބަލިވި ޗެލްސީ 4 ވަނައިގައި އޮތްއިރު، 5 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު މިހާރު އޮތީ އެންމެ 2 ޕޮއިންޓްގެ ފަރަގެކެވެ. އެހެންކަމުން ގަދަ 4 ގައި ދެމިއޮތުމަށް ކުރަންޖެހޭ މަސައްކަތް ޗެލްސީއަށް މި ވަނީ ބުރަވެފައެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 41 ވަނަ މިނިޓުގައި ޕުލިސިޗްއަށް ޑިއޮޕް ކުރި ފައުލްއަށް ރެފްރީ ދިން ޕެނަލްޓީ ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ވިލިއަމް އެވެ.

ލީޑު ނަގައި ރަނގަޅަށް ހިންދެމިނުލެވެނިސް، ވެސްޓް ހޭމްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްލާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ބޮވެން ނަގައިދިން ކޯނަރެއް ބޮލުން ޖަހާ ބޯޅަ ގޯލަށް ވައްދާލީ ސޯސެޗް އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މާކަ ގިނައިރުތަކެއް ނުވެ، ވެސްޓް ހޭމް އިން ލީޑު ނެގިއެވެ. ވެސްޓް ހޭމްއިން ޗެލްސީގެ ހާފުގެ ތެރެއިން ވާތް ފަރާތުން ހިތްގައިމު ޕާސްތަކެއް ޖެހުމަށްފަހު ކުރިއަށްލި ބޯޅަ ހިފައިގެން އަރާ، ބޮވެން ނަގައިދިން ހުރަހުން ލަނޑު ޖެހީ އެންޓޯނިއޯއެވެ.

ވެސްޓް ހޭމްއިން ލީޑު ނެގުމަށްފަހު، ރަނގަޅަށް ކުޅެމުން އައި ޗެލްސީއަށް އަލުން ނަތީޖާ ހަމަހަމަ ކޮށްލެވުނީ މެޗުގެ 72 ވަނަ މިނިޓުގައެވެ. އަނެއްކާ ވެސް ވިލިއަމް މި ލަނޑު ކާމިޔާބުކޮށްދިންއިރު، މިއީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ނަތީޖާ ހަމަހަމަވެގެން ނިމޭނެ ކަމަށް ބެލެވުނަސް، ފަހު ހާފުގައި ކުޅެންއެރި ޔާމޮލެންކޯ ވަނީ ފަހު ވަގުތު ވެސްޓް ހޭމްއަށް 3 ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ ޗެލްސީ ވަރަށް ބޮޑަށް ކުރިއަށް ޖެހިފައިވަނިކޮށް ލިބުނު ބޯޅައަކުން އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ 3-0 އިން ބްރައިޓަން އެންޑް ހޯވް އަލްބިއޮން ގެ މައްޗަށް ކުރިހޯދާފައެވެ. އާސެނަލްއިން ނޯވިޗްގެ މައްޗަށް 4-0 ގެ ބޮޑު މޮޅެއް ހޯދިއިރު، ލެސްޓާއާ އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 2-1 އިން އެވަޓަން މޮޅުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް