ކޯވިޑްގައި ރާއްޖެ މިހާރު މިއޮތް ހާލަތުގައި ހިފެހެއްޓޭނެ: އަމީން

ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯލް ކުރެވި މިހާރު މިއޮތް ހާލަތުގައި ހިފެހެއްޓޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ވަރުގަދަ ހ...

02 Jul 2020 | 04:03

ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯލް ކުރެވި މިހާރު މިއޮތް ހާލަތުގައި ހިފެހެއްޓޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ވަރުގަދަ ހަރުކަށި ފިޔަވަޅުތައް އުވާލައި، ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ހުއްޓާލިކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޯވިޑްގައި ރާއްޖެ މިހާރު މިއޮތް ހާލަތު ބަދަލުވާނީ އަމަލު ކުރުމަށް އެކުލަވާލައި އަންގާފައިވާ ގަވައިދުތަކަށް ރައްޔިތުން ބޯ ނުލަނބައިފި ނަމަ ކަމަށެވެ. އެކަމަކު ލޮކްޑައުންއަށް ލުއިތަކެއް ދިނުމުން ކޭސްތައް ފެންނަލެއް ކޮންމެސް ވަރަކަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭސްތައް އިތުރުވިޔަސް ރާއްޖެ މިވަގުތު އޮތީ ކޯވިޑަށް ފަރުވާ ދެވޭނެ އިންތިޒާމާއި އެކު ތައްޔާރީ ހާލަތުގައި ކަމަށެވެ. އެގޮތުން ބަލި މީހުންނަށް ފަރުވާ ދެވޭނެ ފެސިލިޓީއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ މި ހާލަތުގައި ހިފެހެއްޓޭނެ ކަމަށް ގަބޫލް ކުރާ ސަބަބުތައް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިއްޔެއިން ފެށިގެން ނެޝަނަލް އެމަޖެންސީ އޮޕަޝަން ސެންޓަރުގެ މަސައްކަތްތައް ހުއްޓާލައި ހެލްތް މިނިސްޓްރީގެ ދަށަށް އެންއިއޯސީން ކުރަމުން އައި މަސައްކަތްތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން މިހާރު މިއޮތް ހާލަތު ރަނގަޅުވާ ވަރަކަށް މި ބައްޔާއި ގުޅޭ މަސައްކަތްތައް ބަދަލުވާނީ އެޗްޕީއޭގެ ދަށުން ބަލަހައްޓަމުންދާ ގައިން ގަޔަށް އަރާ އެހެން ބަލިތައް ބަލަހައްޓާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލްކޮށް ބޮޑެތި ލުއިތަކާއި އެކު ނިއު ނޯމަލްއަށް އިއްޔެ އަމަލު ކުރަން ވަނީ ފަށާފައި އެވެ. މިހާތަނަށް ވައިރަސްއަށް ރާއްޖެއިން ޕޮސިޓިވްވީ 2،383 މީހުންނެވެ.

އޭގެ ތެރެއިން1،954 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވީ 10 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް