ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިއަދު އެކަނި 100 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
މިދިޔަ ހަފްތާއެއްއާ ދުވަހު ދުވަސްތެރޭގައި ކޯވިޑަށް ފަރުވާދެމުންދާ ގިނަ ބަޔަކު ދަނީ ރަނގަޅުވަމުންނެވެ. މިއަދު އެކަނި 120 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިއާއި އެކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 608 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،233 މީހުންނަށެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި އާންމުކޮށް ރާއްޖޭގައި ބަލި ޖެހެމުންދަނީ ޒުވާން އުމުރުފުރާގެ އާބާދީއަށް ކަމަށްވާތީ ބަލީގައި ސީރިއަސް ނުވާކަމަށެވެ. އަދި މާބޮޑު އަލާމާތެއް ނުފެންނާތީ އެއްވެސް ފަރުވާ އެއް ނުދިނަސް އަމިއްލަ ޒާތުގައި ހަށިގަނޑުން ވައިރަސް ފިލައިގެންދާ ކަމަށެވެ. އެންމެ ގިނައިން ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 18 އަހަރާއި 38 އަހަރާއި ދެމެދުގެ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް 1،841 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި ހަތް މީހަކު ވަނީ މަރުވެފައި އެވެ.
މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ހުސް ބަންގްލަދޭޝް މީހުންނެވެ.
ދިވެހިންގެ ތެރެއިން މަރުވީ އުމުރުން 80 އަހަރުން މަތީގެ ދެ އަންހެނަކާއި ދެ ފިރިހެނުންނެވެ. މަރުވެފައިވާ ބަންގްލަދޭޝް މީހުންނަކީ 50 އަހަރުން މަތީގެ މީހުންނެވެ. އެ އެންމެންނަކީވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް