ތޫފާން "ނިސާރގަ" އުފެދިއްޖެ، މާދަމާ އިންޑިއާއަށް އަރާނެ !

ލަކްޝަދުވީޕް ކައިރިން އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން ނިސާރގަ" އެވެ. މިއީ ބަންގްލަދޭޝް އިން ދީފައިވާ ނަމެކެވެ. މީގެ އެއް ދުވަސް ކުރި...

02 Jun 2020 | 13:39

ލަކްޝަދުވީޕް ކައިރިން އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން ނިސާރގަ" އެވެ. މިއީ ބަންގްލަދޭޝް އިން ދީފައިވާ ނަމެކެވެ.

މީގެ އެއް ދުވަސް ކުރިން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިމިވަނީ ވަރަށް އަވަހަށެވެ. ތޫފާން އަރަބި ކަނޑުގައި ހުރި އިރު މިސްރާބު ހުރީ އިންޑިއާއަށް އެރުމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މި ތޫފާން އިންޑިއާއަށް އަރާނެ ކަމަށް އިންޑިއާގެ މެޓް އޮފީހުން އަންދާޒާ ކޮށްފައިވެއެވެ.

މި ތޫފާނުގެ މިސްރާބުހުރީ އިންޑިއާގެ މަހަރަސްތުރަ ސްޓޭޓަށެވެ. އެއީ ފިލްމު ސިޓީ މުމްބައި ހިމެނޭ ސްޓޭޓެވެ. އެ ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް މިހާރު ރަތް އިންޒާރު ވަނީ ނެރެފައެވެ. އަދި ސަލާމަތީ ގޮތުން ފިޔަވަޅުތައް އިންޑިއާއިން ވަނީ އަޅަން ފަށާފައެވެ.

މިއީ އެއް ގޮތަކަށްވުރެ ގިނަ ގޮތް ގޮތުން ތާރީހީ ތޫފާނެކެވެ. މަހަރާޝްތުރަ ސްޓޭޓަށް ތޫފާނެއްގެ އަސަރު އެންމެ ފަހުން ކޮށްފައިވަނީ މީގެ 129 އަހަރު ކުރިންނެވެ. އެއީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. އަނެއް ކަމަކީ މި ތޫފާނަށް ދެވުނު ނަމެވެ. މި ނަން މި ތޫފާނަށް މިދިނީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ނަން ދިނުމަށް 2004 ގައި އެކުލަވާލި ނަން ލިސްޓު ހުސްވެ އަލަށް އެކުލަވާލި ލިސްޓުންނެވެ. މިއީ އާ ލިސްޓުން ދިން ފުރަތަމަ ނަމެވެ.

ކުރީގެ ލިސްޓަށް އަށް ގައުމަކުން 64 ނަމެއް ދީފައި އޮތެވެ. މިފަހަރު މި ފެށި އާ ލިސްޓަށް 13 ގައުމަކުން 169 ނަމެއް ދީފައި އެބަ އޮތެވެ. ކުރީގެ ލިސްޓަށް ރާއްޖެއިން އަށް ނަމެއް ދީފައިވާއިރު ފަހުގެ ލިސްޓަށް ރާއްޖެއިން 13 ނަމެއް ދީފައިވެއެވެ.

ތޫފާން "ނިސާރގަ" އިންޑިއާއަށް އަރާފައެއް ނުވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ތޫފާން އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭއިރު މި ތޫފާނުގެ ބާރު އޭރު އިތުރަށް ގަދަވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެހެން ނަމަވެސް އެންމެ ފަހުން އިންޑިއާއަށް ދާދި މިދާކަށް ދުވަހު އެރި ތޫފާން އަންޕަން އާއި އެއްވަރަށް މި ތޫފާނުގެ ބާރު ގަދަ ނުވެދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް