މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލަން މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު މާދަމާ ހަމަވާނެ އެވެ. މި ބިލު ތަސްދީގު ކުރެއްވުމުން ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން ތިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރޭ ދަންވަރު ބޭއްވި ޖަލްސާގައި ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށް، އާ ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ވަނީ ފާސްކޮށްފައި އެވެ. އެ އިސްލާހު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ.
ގާނޫނަށް ގެނައި އިސްލާހާއި އެކު އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރެވޭ ގޮތަށް ވަކި ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭތީ ގާނޫނެއްވެސް ފާސްކޮށްފައިވެ އެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން އިންތިހާބު ބޭއްވެންދެން ވަގުތީ ގޮތުން ތިބޭ ކައުންސިލަރުންނަށް، ލާމަރުކަޒީ ގާނޫނުގައި ކައުންސިލަރުންނަށް އޮންނަ ހުރިހާ ބާރެއް ނޯންނާނެ އެވެ.
ގާނޫނަށް މި އިސްލާހު ގެނައީ ކޯވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހުގައި ނުބޭއްވިގެންނެވެ.
މަޖިލީހުން ފަހު ވަގުތު ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިމިވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަދެއްކެވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް