ގަނޫނު އަސާސީ އިސްލާހު ކުރުމަށް ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަޖިލީހުގައި ރޭ ހަމަނުޖެހުން ހިންގީ ރިޔާސަތުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ނަން އިއްވާ ތަޅުމުން ނުކުންނަން އެންގުމުން ނުކުމެވަޑައި ނުގެންނެވުމުންނެވެ، އެކަމާ ގުޅިގެން ރިޔާސަތުން ވަނީ އެމްޑީޕީގެ މެންބަރުންނަށް ޝިޔާމް މަޖިލީހުން ނެރުމަށް އިރުޝާދު ދެއްވާފައި އެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި މަޖިލީސްތެރެއަށް ޝިޔާމް ވެއްޓި އަނިޔާވެފައިވާއިރު އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވެ އެވެ. އަދި އިދިކޮޅު ޕީޕިއެމް/ ޕީއެންސީން ވަނީ އެ މައްސަލަ ފުުލުހުންގެ އިދާރާއަށް ހުށަހަޅާފައި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެ މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ޕީޕީއެމްއިން ބުނީ ޝިޔާމްގެ ބުރަކަށީގެ ތިރިންނާއި މޭކަށިގަނޑުގައި ރެނދެއް ލާފައި ހުރި ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
މި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފަޔަށްވެސް ވަނީ އަނިޔާވެފައި އެވެ.
ރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުން އަދި އާންމުންގެ ބޮޑު ފާޑުކިޔުންތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަސް ވަނީ އަމާޒުވެފައި އެވެ. ގިނަ ބަޔަކު ބުނެފައިވަނީ ރޭ މަޖިލީހުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވީ ނަޝީދު ކަމަށެވެ. އަދި އެއީ ނަޝީދު ކުރެއްވި ކުށެއް ކަމަށެވެ.
މަޖިލީހުގެ ތަޅުމުން މެންބަރަކު ނުކުންނަން ދެކޮޅު ހަދާނަމަ ޖެހޭނީ ސަލާމަތީ ބާރުތައް މެދުވެރިކޮށް ނެރެން ކަމަށާއި އެހެން މެންބަރުންނަށް މެންބަރަކު އެންގުމުން އެއީ ރިޔާސަތުން ކުރެއްވުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް