ރޭގެ ޖަލްސާގައި ހަމަނުޖެހުމަށް ދާން ހިތްވަރު ދެއްވީ ރިޔާސަތުން، ނަޝީދު ކުރެއްވީ ކުށެއް!

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފާސްކޮށްފައިވެ އެވެ. އެކަމ...

02 Jun 2020 | 08:39

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފާސްކޮށްފައިވެ އެވެ.

އެކަމަކު ޖަލްސާ ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއިން ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ މެންބަރުންނަށް އަނިޔާވެއްގެންނެވެ.

މައްސަލަ ފެށުނީ ރިޔާސަތުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް ތެދުވެ އަޑުގަދަ ކުރައްވަން ފެއްޓެވެމުންނެވެ. ނަޝީދު އެގަޑީގައި ވިދާޅުވަމުން ގެންދެވީ ގާނޫނު އަސާސީ އިސްލާހު ކުރުން ލަސްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށާއި އިދިކޮޅު ޕާޓީތަކުން އަމަލު ކުރެއްވީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

އެވަގުތު ކަން ހިނގަމުން ދިޔަ ގޮތުގެ ސާފު މަންޒަރެއް މަޖިލީހުގެ އިދާރާއިން އާންމު ކުރަމުންދިޔަ ވީޑިއޯއިން ދައްކާފައެއް ނުވެ އެވެ. ކަން ހިނގާދިޔަ ގޮތް އެވަގުތު މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ނަގާފައިވާ ވީޑިއޯތަކުން ވަނީ ހާމަވެފައި އެވެ.

ރިޔާސަތަށް ހުރަސް އަޅުއްވައި ޝިޔާމް ހުއްޓުމެއްނެތި ވާހަކަދައްކަވަމުން ގެންދަވާތީ ނަޝީދު ވަނި ޝިޔާމްގެ ނަން އިއްވައި ޖަލްސާއިން ނުކުތުމަށް އަންގަވާފައި އެވެ. އެކަމަކު އެ އެންގުމަށް އަމަލު ނުކުރެއްވުމުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ތަޅުމަށް ވަޑައިގެން ޝިޔާމް ބޭރަށް ނެރެން މަސައްކަތް ކުރެ އެވެ. އެކަމަކު އެކަން ކާމިޔާބު ނުކުރެވޭއިރު ޝިޔާމްގެ ވަށާލައިގެން އެމްޑީޕީގެ މެންބަރުން އޭނާ ހިފަހައްޓައިގެން ނެރެން މަސައްކަތް ކުރާތަން ފެނެ އެވެ.

އެވަގުތު ރިޔާސަތުގެ ގޮނޑިކޮޅުން ތެދުވެ ވަޑައިގެން ނަޝީދު ހުންނަވަނީ އިދާރީ މޭޒުތައް ކައިރީ ގައި ކޮޅަށެވެ. އަދި އިނގިލިން އިޝާރާތް ކުރައްވާ ވަރަށް ބާރަށް އަޑުގަދަ ކުރައްވަމުން ޝިޔާމް ތަޅުމުން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް އިރުޝާދު ދެއްވަ އެވެ. ރިޔާސަތުގައި އިންނަވައިގެންވެސް ނަޝީދު ވަނީ ވަރަށް ރުޅިވެރިކަމާއި އެކު އިނގިލި ދިއްކުރައްވާ ޝިޔާމް ބޭރަށް ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވާފައި އެވެ.

ނަޝީދުގެ މި އަމަލުތަކާއި ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ޓުވިޓާގައި ވިދާޅުވީ މަޖިލީހުގައި ނަން އިއްވާ ބޭރަށް ނުކުތުމަށް އެންގުމުން މެންބަރުން އެ އެންގުމަށް އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ނުނުކުންނަ ނަމަ އެކަމުގައި އަމަލު ކުރަންވީ ގޮތް ގަވައިދުގައި އެބައޮތް ކަމަށާއި އެއާ ހިލާފަށް ރިޔާސަތުން ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ.

މިކަމާއިގުޅޭ ގޮތުން ޓުވީޓާގައި ހިޔާލު ފާޅު ކުރައްވަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ މެންބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ ޖަލްސާ މެދުކަނޑާލައި އެ މެންބަރަކު ތަޅުމުން ނެރޭނީ ސެކިއުރިޓީ ލައްވާ ކަަމަށެވެ. އެއާ ހިލާފަށް ރިޔާސަތުން އެހެން މެންބަރުންނަށް އަންގައިގެން މެންބަރުން ބޭރު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ ނަޝީދު ރޭގައި ކުރެއްވީ ކުށެއް ކަމަށެވެ.

https://twitter.com/ReekoMoosa/status/1267669877000597509

މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތަށް ހުރަސް އަޅައި މެންބަރުން އަޑުގަދަ ކުރަން ފެށުމުން ނަން އިއްވައި ޖަލްސާތަކުން ނެރެފައި އެބަ ހުއްޓެވެ. އެކަމަކު އޭރު އެކަން ކުރައްވަނީ މަޖިލީހުގެ ސެކިއުރިޓީން ބޭނުން ކޮށްގެންނެވެ. މިއީ މެންބަރަކު ނެރެން އެހެން މެންބަރުންނަށް ރިޔާސަތުން އެންގެވި ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ރޭގައި ހަމަނުޖެހުމުގައި ބައެއް މެންބަރުންގެ މާސްކު ނެއްޓި، ގައިގޯޅިވެގެން އުޅެފައިވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަަލު ކުރާ ގޮތަށެވެ. އެގޮތުން މާސް އެޅުމާއި އެކު އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.

އެކަމަކު މަޖިލީސް ހޫނުވެ އެޗްޕީއޭގެ ހުރިހާ އިރުޝާދު ތަކަކާއި ހެން ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި މަޖިލީހުގެ މެންބަރުން ވަނީ ހިލާފުވެފައި އެވެ. ފަހަރުގައި އެއްވެސް އުސޫލަކަށް އަމަލު ނުކޮށް މަޖިލީހުގައި ހަމަނުޖެހުން ހިނގާ ދިޔައީ އެމްޑީޕީގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުން އެޗްޕީއޭގެ ގައިޑްލަނަށް އަމަލު ކުރައްވަން ބޭނުންފުޅުނުވާތީ އެވެ. އެބޭފުޅުން ވަނީ މަޖިލީހުގެ އެކި ޖަލްސާތަކުގައި އެޗްޕީއޭއިން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ގަވައިދުތަކާއި ދެކޮޅަށް ވާހަކަދައްކަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް