ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގެންދަން އިތުރު ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ސަފީރު، ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ގިނަ ބަޔަކު އަދިވެސް އެނބުރި ގައުމަށް ދާން ބޭނުންވެގެން އެދެމުންދާ ކަމަށެވެ. އެހެންވެ އިތުރު ތިން ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާ އިންޑިއާގެ ތިން ފްލައިޓެއްގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ16-18 އާއި ދެމެދުގައި ކަމަށެވެ. މި ދަތުރުތަކުގައި ޓްރިވެންޑްރަމް އާއި ކަލްކަތާ އާއި ދޭތެރޭގެ ގިނަ ސިޓީތަކަކަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ސުދީރު ވިދާޅުވީ އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ބޮޑު ލިސްޓެއް މިހާރު ވެސް އެބައޮތް ކަމަށެވެ. އެކަމަކު އެ ހުރިހާ އެންމެން ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވިނަމަވެސް ވީހާވެސް ގިނަ ބަޔަކު އަނބުރާ ގެންދެވޭތޯ ބަލަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން ތިން ފްލައިޓެއް ބާއްވާފައިވެ އެވެ. އަދި ކަނޑުމަގުން ގާތްގަނޑަކަށް 1،400 އަށްވުރެ ގިނަ މީހުން ގެންގޮސްފައިވެ އެވެ.
އަންނަ ހުކުރު ދުވަހުވެސް ކަނޑުމަގުން ރާއްޖޭގައި ތިބި އިންޑިއާގެ 700 މީހުން ގެންދިއުމަށް ވަނީ ހަމަޖެހިފައި އެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 30،000 އެއްހާ އިންޑިއާ މީހުން މަސައްކަތް ކުރަމުންދެ އެވެ. އޭގެ ތެރެއިން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުގައި އިސްކަން ދެނީ ވަޒީފާ ގެއްލިފައިވާ މީހުންނާއި ރިސޯޓުތަކުގައި ތާށިވެފައި ތިބި މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ ފަރުވާއަށް ގައުމަށް ދާންޖެހޭ މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން ދިޔަ އިންޑިއާގެ ތިން މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން 186 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް