ރާއްޖޭއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު 1،000 އަށްވުރެ ގިނަ ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ބަންގްލަދޭޝްގެ 1،003 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ. އެއީ ޕޮސިޓިވްވި މީހުންގެ 54.84 ޕަސެންޓެވެ.
ބަންގްލަދޭޝް މީހުން މިހާ ގިނަ އަދަދަކަށް ޕޮސިޓިވްވެފައިވަނީ ތޮއްޖެހިގެން ދިރިއުޅުމާއި އެއްތަނެއްގައި މާ ގިނަ މީހުން އުޅެމުން ގޮސްފައިވާތީ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އެހެންވެ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ވަނީ ތޮއްޖެހިގެން މާލޭގައި ދިރިއުޅެމުންދިޔަ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަކަށް ބަދަލު ކުރުމަށް އަންގަވާފައި އެވެ.
މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުން ވަރަށް ގިނަ އެވެ. އެކަމަކު ރަނގަޅުވާ މީހުންގެ ގައުމުތައް ވަކިން ހާމަކޮށްފައެއް ނުވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 1،829 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކީ ހިތުގެ ބަލި ހުރި މީހުންނެވެ.
އަނެއް މީހާ މަރުވެފައިވަނީ ފަރުވާ ދޭން ފެށިތާ މާ ގިނައިރެއް ނުވެ އެވެ. އެހެންވެ އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާ ކުރާގޮތުގައި އެމީހާ ދިޔައީ ކެންސަރު ބަލި ފަދަ ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް