ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހުޅުލޭ އައިލެންޑް ފެސިލިޓީގައި ބަހައްޓާފައިހުރި އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އޭނާ މަރުވީ މިއަދު ހެނދުނު 06:20 ހާއިރު ކަމަށާއި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހއ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީއެވެ. އޭނާ މަރުވި އިރު ކޯވިޑް-19 އިން ރަނގަޅުވެފައިކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ނަމަވެސް ހުރީ އެ ފެސިލިޓީގައެވެ.
އޭނާ މަރުވެފައިވަނީ އެ ފެސިލިޓީގައި ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިއްޔެވެސް ކޯވިޑް-19 އަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވެ އެވެ. އިއްޔެ މަރުވެފައިވަނި އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ބަންގްލަދޭޝް މީހެކެވެ. އެމީހާ އަކީ ހިތުގެ ބަލި ހުރި މީހެކެވެ.
މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައި އެވެ. މަރުވެފައިވަނީ ތިން ބަންގްލަދޭޝް މީހުންނާއި ހަތަރު ދިވެހިންނެވެ.
މަރުވި ހަތަރު ދިވެހިންނަކީ80 އަހަރުން މަތީގެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް