ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތް ނ. މަނަދޫ އާންމު ހާލަތަށް ގެނެސްފި އެވެ.
މަނަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. އެ ރަށް މޮނިޓަރިންއަށް ލީ އެ ރަށުން އައިޖީއެމްއެޗަށް ގެނައި އުމުރުން 70 އަހަރުގެ އަންހެނަކު ކޯވިޑަށް ޕޮސިޓިވް ވެގެންނެވެ.
އެމީހާ މާލެ ގެނައީ ބަނޑުގެ ބައްޔަށް ފަރުވާ އިތުރު ފަރުވާ ދޭން ޖެހޭތީ އެވެ. އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ މީހުން ކޯވިޑަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އާންމު އުސޫލުގެ ތެރެއިން ޓެސްޓު ކުރި އިރު އެމީހާ ޕޮސިޓިވް ވެފައިވާތީ ފަރުވާ ދީފައިވަނީ ޑީއެޗް11 ގައި އެވެ.
އައިޖީއެމްއެޗުން އޭރު ބުނީ ޑިއެޗް11 ގައި އެމީހާއަށް ފަރުވާ ދިން ނަމަވެސް ކޯވިޑާއި ގުޅޭ އެއްވެސް ފަރުވާއެއް އެމީހާއަށް ދީފައިނުވާކަމަށެވެ. އަދި އެމީހާގެ ގައިން ވައިރަހުގެ އެއްވެސް އަލާމާތެއްވެސް ފެނިފައި ނުވާކަމަށެވެ. އެމީހާ ކޯވިޑަށް ނެގެޓިވް ވުމުން ދޫކޮށްލިފަހުން ވަނީ އެހެން ބައްޔެއްގައި މަރުވެފައި އެވެ.
މަނަދޫއިން އެމީހާ އާއި އެކު ޖުމްލަ 10 މީހަކު ޕޮސިޓިވްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އަންހެން މިހާގެ އާއިލާ މީހުންނާއި ހޮސްޕިޓަލްގައި އެމީހާއަށް ހިދުމަތްދިން ބައެއް މުވައްޒަފުންނެވެ. އެ އެންމެންވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
އެކަމަކު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން ބުނީ އެހާތަނަށްވެސް މަނަދޫއަށް ބަލި ދިޔަގޮތް ހޯދިފައި ނުވާކަމަށެވެ.
މަނަދޫއަކީ ށ. ނަރުދޫ ފިޔަވާ އެންމެ ގިނަ މިހުން ވައިރަހަށް ޕޮސިޓިވްވި ރަށެވެ. ނަރުދޫއިން 11 މީހަކު ބައްޔަށް ޕޮސިޓިވްވި އިރު އެ އެންމެން ރަނގަޅުވެގެން ވަނީ ރަށަށް ގޮސްފައި އެވެ. އަދި ނަރުދޫވެސް ވަނީ އާންމު ހާލަތަށް ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް