އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ ހެޑް އަދި ކޯވިޑް-19 ގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމާއި އިސްކޮށް ހަވާލުވެގެން ހުންނަވާ ޑރ. މޫސާ ހުސައިން ވައިރަހަށް ޕޮސިޓިވްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ސޯޝަލްމީޑިއާގައި މިއަދު ބަޔަކު ފެތުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑރ. މޫސަ ކޯވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހެދި އެންޓިބޮޑީ ޓެސްޓުން ކަމަށެވެ. އޭރު ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާގެ ފޮޓޯއާ އެކު ޓުވިޓާ އާއި ފޭސްބުކްގައި އާއްމުކުރި ޕޯސްޓުތަކުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން މިރޭ އެންއިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑރ. މޫސަ ކޯވިޑަށް ޕޮސިޓިވްވި ކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ވާހަކައެއް ކަން އޭނާއަށް ޑޮކްޓަރު ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އެފަދަ ދޮގު ވާހަކައެއް ފެތުރިގެން ދިއުމުން އާއިލާ އާއި އޭނާގެ ކައިރިން ފަރުވާ ހޯދި މީހުންނާއި ބައްދަލުވި މީހުން ބޮޑު ހާސްކަމަކާއި ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓުނު ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޑރ. މޫސަ އާއި ހަވާލާދެއްވާ މަބްރޫކް ވިދާޅުވީ އެންޓިބޮޑީ ޓެސްޓެއް އަދި ކޯވިޑް ޓެސްޓެއް ވެސް އޭނާ ކޮށްފައި ނުވާ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރާނީ ބަލީގެ އަލާމާތެއް ފެންނަ ނަމަ ނުވަތަ ޝައްކު ކުރެވޭ ކަމެއް ފާހަގަވެއްޖެ ނަމަ ކަމަށެވެ. އޭގެ އިތުރުން ކޯވިޑަށް ޕޮސިޓިވްވާ މީހަކަށް ފަރުވާ ދިނުމުގައި އަމަލު ކުރެވުނު ގޮތަކުން ބައްޔަށް ހުށަހެޅިފައިވާ ކަމަށް ބެލެވިއްޖެ ނަމަ އެ މުވައްޒަފުން ޓެސްޓު ކުރަމުންދާ ކަމަށެވެ.
ކޯވިޑަށް ފަރުވާ ދޭ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެންވެސް ހިދުމަތްތެރިން ބަލި މީހުންނާ ކުރިމަތިލަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސްއާ އެކު ރައްކާތެރިކަމުގެ ފިޔަޅުތަކަށް ސަމާލުކަން ދީގެންނެވެ. އެކަމަކު ވެސް ފްރޮންޓްލައިންގައި މަސައްކަތްކުރާތީ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް