N/A
ރާއްޖޭގެ ގޭގެއަށް ލިބޭ ކަރަންޓުގެ ވޯލްޓޭޖު ދަށްކޮށްގެން، ކަރަންޓު ބިލް ބޮޑުކުރުމަށް ސްޓެލްކޯއާއި ފެނަކައިން ކަސްޓަމަރުންނަށް "މަކަރު" ހަދަމުން އަންނަ ކަމަށް ބުނެ، ޓިކްޓޮކްގައި ވައިރަލްވެފައިވާ ވީޑިއޯއެއްގައި ހިމެނޭ ތުހުމަތުތަކަކީ ޢިލްމީ ގޮތުން ބުރަދަނެއް ނެތް، ނުބައި މަޢުލޫމާތެކެވެ.
ވީޑިއޯ ކްރިއޭޓަރ، ސޮކެޓު ޓެސްޓަރެއް ބޭނުންކޮށްގެން ގޭގެ ކަރަންޓުގެ ވޯލްޓޭޖު މިންކޮށް، 212V-213V ދައްކާތީ ކޮށްފައިވާ ތުހުމަތު ތިން ބަޔަކަށް ބެހިފައިވެއެވެ. ފުރަތަމަ، މިއީ ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ، 220-240V އަށް އުފައްދާފައި ހުންނަ އޭސީއާއި ފަންކާ ފަދަ އިލެކްޓްރިކް އާލާތްތަކަށް ޖެހޭ ވަރަށް ވުރެ ދަށް ވޯލްޓޭޖެއް ކަމަށެވެ. ދެވަނަ، ވޯލްޓޭޖު ދަށްވުމުގެ ސަބަބުން އާލާތްތަކަށް ބާރު ބޮޑުވެ، ކަރަންޓު ބިލް ބޮޑުވާ ކަމަށެވެ. އަދި ތިންވަނަ، މިއީ ސްޓެލްކޯއާއި ފެނަކައިގެ "މަކަރެއް" ކަމަށެވެ.
212V އަކީ ނޯމަލް ވޯލްޓޭޖެއް
ރާއްޖޭގައި ރަސްމީކޮށް ކަނޑައެޅިފައި އޮންނަ ކަރަންޓުގެ ވޯލްޓޭޖަކީ 230V، 50Hz އެވެ. ބައިނަލްއަޤުވާމީ އިލެކްޓްރޯޓެކްނިކަލް ކޮމިޝަން (އައިއީސީ) ގެ 60038 ސްޓޭންޑަޑުގެ ދަށުން، 230V އަށް ކަނޑައެޅިފައި އޮންނަ ހުއްދަ ޓޮލެރެންސް ރޭންޖަކީ ±10 އިންސައްތައެވެ. މާނައަކީ، 207V އާއި 253V އާ ދެމެދު ހުންނަ ކޮންމެ ވޯލްޓޭޖަކީ ވެސް އެ ސްޓޭންޑަޑުގެ ތެރޭގައި ހިމެނޭ، ބަލައިގަނެވޭ، ނޯމަލް ވޯލްޓޭޖެކެވެ.
ވީޑިއޯގައި ފެންނަ 212V އަކީ ނޮމިނަލް ވޯލްޓޭޖަށްވުރެ ގާތްގަނޑަކަށް 8 އިންސައްތަ ދަށް އަދަދެއް ކަމުގައިވިޔަސް، ރޭންޖުގެ ތެރޭގައި ހިމެނޭ ރައްކާތެރި ވޯލްޓޭޖެކެވެ.
އާލާތްތަކަށް ޓޮލެރެންސް ބިލްޓް-އިން ކޮށްފައިވޭ
220-240V ޖަހާފައި ހުންނަ އާލާތްތަކަކީ ހަމައެކަނި އެ ވޯލްޓޭޖުގައި މަސައްކަތްކުރާ އާލާތްތަކެއް ނޫނެވެ. އިލެކްޓްރިކަލް އިންޖިނިއަރިންގ ސްޓޭންޑަޑުތައް ބުނާ ގޮތުގައި، 220V އަށް ޑިޒައިން ކޮށްފައި ހުންނަ ޢާންމު އާލާތްތަކުގެ ޓޮލެރެންސް 10 އިންސައްތައާއި 15 އިންސައްތައާ ދެމެދު ހުރެއެވެ. މާނައަކީ، 198V އާއި 242V އާ ދެމެދުގެ ކޮންމެ ވޯލްޓޭޖެއްގައި ވެސް ފުރިހަމައަށް މަސައްކަތްކުރެއެވެ.
މިފަދަ ޓޮލެރެންސެއް ބިލްޓް-އިން ކުރަން ޖެހެނީ، ކަރަންޓު ގްރިޑުގެ ވޯލްޓޭޖަކީ ޕީކް ގަޑިތަކުގައި ޑިމާންޑު ބޮޑުވެ ދަށްވާ، އަދި އޮފް-ޕީކް ވަގުތުތަކުގައި އުފުލޭ، ތަފާތު ވާ އެއްޗަކަށްވާތީއެވެ. އެހެންވެ، 212V ގައި އޭސީއާއި ފަންކާ ފަދަ އާލާތްތައް ފުރިހަމައަށް މަސައްކަތްކުރާނެއެވެ.
ބިލް ހިސާބުކުރަނީ ވޯލްޓޭޖަކުން ނޫން
ޓިކްޓޮކް ވީޑިއޯގައި ހިމެނޭ އެންމެ ބޮޑު ޢިލްމީ ގޯހަކީ، ވޯލްޓޭޖު ދަށްވުމުން ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ހީކުރުމެވެ. ޙަޤީޤަތުގައި ކަރަންޓު ބިލް ހިސާބުކުރެވެނީ ކިލޯވޮޓް-ގަޑިއިރު (kWh) އިންނެވެ. އެއީ ވޯލްޓޭޖާއި އެމްޕިއަރޭޖު ގުނައިގެން ނެރޭ ޕަވަރ (ވޮޓޭޖު)، ބޭނުންކުރި ވަގުތަށް ބަލައިގެން ހިސާބުކުރާ ޔުނިޓެކެވެ.
ވޯލްޓޭޖު ދަށްވެއްޖެ ނަމަ، މޮޓޯރ ހިމެނޭ އާލާތްތައް ކަމަށްވާ އޭސީ، ފްރިޖު އަދި ވޮޝިންގ މެޝިން ފަދަ އާލާތްތަކުން ކުރިއެކޭ އެއް ޕަވަރެއް ހޯދުމަށް އިތުރު އެމްޕިއަރު ޑްރޯ ކުރެއެވެ. ނަމަވެސް، އާލާތް ބޭނުންކުރާ ޖުމްލަ ޕަވަރ (ވޮޓޭޖު) އެއްވަރެއްގައި ދެމި އޮވެއެވެ. ޒަމާނީ ޑިޖިޓަލް ކަރަންޓު މީޓަރުތަކުން ވޯލްޓޭޖާއި އެމްޕިއަރޭޖު އެއްފަހަރާ މިންކޮށް، އެކްޗުއަލް ޕަވަރ ބިލް ކުރާތީ، ވޯލްޓޭޖު ދަށްކޮށްގެން ބިލް ބޮޑުކުރުމުގެ ފުރުޞަތެއް ޓެކްނިކަލް ގޮތުން ނޯންނާނެއެވެ.
ވޯލްޓޭޖު ބޮޑަށް ދަށްވުމުން ވާ ކަންކަން
ވޯލްޓޭޖު ޓޮލެރެންސް ރޭންޖު ކަމަށްވާ 207V އިން ތިރިއަށް ވެއްޓުމަކީ "ބްރައުން-އައުޓު" ކިޔާ ހާލަތެކެވެ. މިފަދަ ހާލަތްތަކުގައި މޮޓޯރތައް ހޫނުވެ، ދިގު މުއްދަތެއްގައި އާލާތްތަކަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ވީޑިއޯގައި ފެންނަ 212V އަކީ މި ހާލަތާ ގާތްވެސް ކުރާ އަދަދެއް ނޫނެވެ.
ވީޑިއޯގައި ފެންނަ 212V-213V އަކީ ބައިނަލްއަޤުވާމީ ސްޓޭންޑަޑުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ ކަރަންޓު ގްރިޑުގެ ނޯމަލް ވޯލްޓޭޖެކެވެ. އާލާތްތައް ހަލާކުވުމުގެ ނުވަތަ ކަރަންޓު ބިލް ބޮޑުވުމުގެ ފުރުޞަތެއް މިއިން ނުއުފެދެއެވެ. ޔޫޓިލިޓީ ކުންފުނިތަކުގެ "މަކަރު" ކަމަށް ބުނެ ވީޑިއޯގައި ހުށަހެޅި ތިއަރީއަކީ ޢިލްމީ ބުރަދަނެއް ނެތް، ވައިރަލް މިސްއިންފޮމޭޝަންގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް