ކޯވިޑް-19 ގެ ވައިރަސްއަކީ ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ވައިރޮލޮޖީ އިންސްޓިޓިއުޓް އަކުން އުފެއްދި އެއްޗެއްކަމުގެ ހެކިތައް އެބަހުރިކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް، މި ވައިރަހަކީ "ގުދުރަތީ" އެއްޗެއްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ބުނެ "ޑަބްލިޔުއެޗްއޯ" އިން ޓްރަމްޕްގެ ބަހަށް ރައްދުދީފިއެވެ.
ކޯވިޑް-19 މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީން ފެނި، ދުނިޔެއަށް ފެތުރެންފެށި ހިސާބުން ފެށިގެން ވެސް ބައްޔާ ގުޅޭގޮތުން އަންނަނީ އެކި ގޮތްގޮތަށް ވާހަކަދެކެވެމުންނެވެ. މިގޮތުން، މި ބައްޔަކީ ވޫހާން ސިޓީގެ ސީފުޑް ރެސްޓޯރެންޓެއްގައި ފޯރުކޮށްދޭ ވާލު ސޫޕްއެއްގެ ސަބަބުން ފެތުރެންފެށި ވައިރަހެއްކަމަށް ވާހަކަދެކެވުނެވެ.
އަދި ހަމައެހެންމެ، ބާރުގަދަ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވަމުން އަންނައިރު، މިއީ ޗައިނާއިން އުފައްދަން އުޅުނު ބައޮލޮޖިކަލް ހަތިޔާރެއްކަމަށާއި، އެ ވައިރަސް އުފައްދަމުން އައި ލެބޯޓަރީގައި ހިނގި އެކްސިޑެންޓްއަކުން ވައިރަސް ފެތުރުނީކަމަށް ވެސް އަޑުތައް ފެތުރިގެން ދިޔައެވެ. މި ނޫނަސް މިފަދަ ތުހުމަތުތައް އެކި ގޮތްގޮތަށް ޗައިނާއަށް ކުރެވިފައިވެއެވެ.
ވަކި ހިސާބަކުން، ކޯވިޑް-19 އަކީ އުފެއްދި ވައިރަހެއްކަމަށް ކުރެވޭ ތުހުމަތުތައް ޗައިނާ އާއި އެމެރިކާގެ ވާދަވެރިކަމުގެ އައު ބަހުސަކަށް ވެގެންދިޔަތަން ފެނުނެވެ. ޗައިނާއަށް ތުހުމަތު ކުރުމުގެ އެންމެ ކުރީ ސަފުގައި އެމެރިކާގެ ހަރުކަށި ރައީސް ޓްރަމްޕް އުޅުއްވާއިރު، ޓްރަމްޕް ވަނީ މިއީ ޗައިނާއިން އުފެއްދި ވައިރަހެއްކަމަށް ދޭހަވާ ގޮތަށާއި، ސީދާ ފާޅުގައި ޗައިނާއަށް ތުހުމަތުކޮށް ވެސް ވާހަކަފުޅު ދައްކަވާފައެވެ.
އެހެނަސް، ޓްރަމްޕް އެންމެ ފަހުން ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19 އަކީ ޗައިނާގެ ލެބްއެއްގައި އުފެއްދި އެއްޗެއްކަމުގެ ހެކި އެބަހުރިކަމަށް ބުނި ނަމަވެސް، އަނެއްކާ ވެސް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މި ވަނީ އެކަން ދޮގު ކޮށްފައެވެ.
ކޯވިޑް-19 އާއެކު ފެތުރޭ ދޮގު ވާހަކަތަކުގެ މިންވަރު ވެސް އިތުރުވެފައިވާއިރު، ކަމާބެހޭ ޞިއްޙީ މާހިރުންގެ ވާހަކަތަކަށް ބަލާނަމަ، މި ވައިރަހަކީ އުފެއްދި އެއްޗެއްކަމަށް ބުނެ ޗައިނާ އާއި އެމެރިކާއިން، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވާ ތުހުމަތުތަކަކީ، އެ ދެ ގައުމުގެ ވާދަވެރިކަމުގައި ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މި ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް ގާތްގަނޑަކަށް 239000 މީހުން ވަނީ މަރުވެފައެވެ. ބައްޔަށް ފައްސިވި މީހުންގެ އަދަދު 3.34 މިލިޔަނަށް އަރާއިރު، ބަލިން ރަނގަޅުވި މީހުން އަދަދު އުޅެނީ 1.05 މިލިޔަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް